ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި އެސްވަތީނީގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރީ ނިއުޔޯކްގައި ހުންނަ އދއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ފަރާތުން ޖޮއިންޓް ކޮމިއުނިކޭގައި ސޮއެކުރެއްވީ އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ކަމަށާއި އަދި އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެސްވަތީނީއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާޓިން މަސޫކޫ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާއެކު ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ބައިނަލްއަގްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގު ވަޒަންކުރާ ގައުމުތަކާއެކު ގުޅުން ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދޭ އެއް ކަންތަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެސްވަތީނީއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުން ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ އަދަދު މިހާރު 175 އަށް އަރާފައިވާ ކަމަށެވެ.