ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން މިހާތަނަށް ލޯނުގެ ގޮތުގައި 337.6 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހު 10 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދޫކޮށްފައި ވަނީ 2015 ފަރާތަކަށް 337.6 މިލިއަން ރުފިޔާއެވެ.

އެއީ ވިޔަފާރި ކުރާ 1,388 ފަރާތަކަށާއި އަމިއްލަ މަސައްކަތް ކުރާ 627 ފަރާތަކަށެވެ. އެ ގޮތުން ވިޔަފާރި ތަަކަށް 318.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 18.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ސްކީމް ތަންފީޒު ކުރެވޭނީ އެސްޑީއެފްސީގެ "ކޮވިޑް-19 ވިޔަފާރި އެހީ" ލޯން ޕްރޮޑަކްޓްގެ ގޮތުގައެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ މި ރާއްޖޭގައި އެހެނިހެން ސިނާއަތްތަކުން މަންފާ ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީގެން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.