ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ގިނަ ބައެއްގެ މެދުގައި "މަގުބޫލުވެފައި" ވާ ވައިޒާއާއި ފޭސްޝީލްޑް ފަދަ ތަކެއްޗަކީވެސް ވައިރަސް ފަތުރާ ތަކެތި ކަމަށް ދާދި ފަހުން އާންމު ކުރި ދިރާސާއެއް ބުނެފިއެވެ.

ފްލޮރިޑާ އެޓްލާންޓިކް ޔުނިވާސިޓީގެ ދިރާސާ ޓީމުން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، މާސްކާއި ފޭސް ޝީލްޑް އަޅާ މީހުންނަކީ، އެމީހުންނަށް ހީވެފައި އޮންނަ ދަރަޖައަށް، ކޮވިޑް-19 ޖައްސާ ވައިރަހުން ރައްކާތެރި ވެފައި ވާ ބައެއް ނޫނެވެ.

ފޭސް ޝީލްޑެއް އަޅައިގެން ހުރި މީހެއް / ފޮޓޯ: ފިލަޑެލްފިއާ އިންކުއަރާ

މި ޓީމުން ދިރާސާ ކުރިއަށް ގެންދިޔައީ ނޭވާލުމުގެ އަސަރު ނަކަލު ކުރާ ޒާތުގެ ވެލްވެއް ބުދުތަކެއްގައި ހަރުކޮށް، އެ ބުދުތަކުގައި ފޭސް ޝީލްޑް އަޅުވައިގެންނެވެ. ވައިރަހުގެ ތިކިތައް ފެތުރިގެން ދާ ގޮތް ބެލީ ފެނާއި ގްލީސަރީން ބޭނުންކޮށްގެންވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ފޭސް ޝީލްޑް ބޭނުން ކުރުމުގެ ސަބަބުން، ސީދާ ކުރިމައްޗަށް ބުރައިގެންދާ ތިކިތައް ކޮންޓްރޯލް ވި ނަމަވެސް، އަރިއަރިމަތިން ބޮޑު ސަރަހައްދަކަށް ވައިރަސް ފެތުރިގެންދެއެވެ.

ވެލްވް މާސްކެއް / ފޮޓޯ: ޑަބްލިއުއެފްއެލްއޭ

ނޭވާލުމަށް ހާއްސަ ވޭލްވް ހަރުކޮށްފައި ހުންނަ މާސްކަށް ބަލާއިރު، މިއީވެސް ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ މިހާލަތަށް އެންމެ އެކަށޭނަ ފަރުމާއެއް ނޫން ކަމަށް ދިރާސާ ޓީމުން ބުނެއެވެ. އެގޮތުން މާސްކު އަޅައިގެން ހުންނަ މީހާގެ އަނގައިން ބޭރުވާ ތިކިތައް، ނޭވާ ބޭރުކުރާ ވެލްވުން ބޭރުވަނީ ފިލްޓަރަކާ ނުލާކަން ދިރާސާ ޓީމުން ފާހަގަ ކުރެއެވެ. އެހެންކަމުން، އެއީ އިންފެކްޓް ވެފައި ވާ މީހެއް ނަމަ، ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

ވެލްވް މާސްކެއް އަޅައިގެން ހުރި މީހެއް / ފޮޓޯ: ހެލްތު ނިއުސް ހަބް

ފޭސް ޝީލްޑަކީ އަޅައިގެން އުޅޭން ފަސޭހަ ދިފާއެއް ކަމަށް އިޝްތިހާރު ކުރި ކަމުގައި ވީ ނަމަވެސް، ކޮވިޑް-19ގެ މި ދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކަކީ ސާޖިކަލް ނުވަތަ މެޑިކަލް މާސްކު ބޭނުން ކުރުން، ނުވަތަ ބޯކޮށް ފަހާފައި ހުންނަ ފޮތި މާސްކު ބޭނުން ކުރުން ކަން ފާހަގަކުރަންޖެހެއެވެ.