އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށް، ދިވެހި ހާރިޖިއްޔާއިން 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފިއެވެ.

އިސްލާމީ ގައުމުތަކާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް އިސްރާއީލުން އަމާޒު ހިފާފައިވާ ރޭހުގައި ދިވެހިރާއްޖެވެސް ހިމެނޭ ކަމަށް ބުނެ ބައިނަލްއަގުވާމީ މީޑިއާގައި ދައުރު ކުރަމުން ދާ ހަބަރުތަކާ ގުޅިގެން ދަ ޕްރެސްއިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެމުން ދިވެހި ހާރިޖިއްޔާއިން އެފަދަ މަޝްވަރާތަކެއް ކުރިއަށް ނުދާ ކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލާ މެދު ރާއްޖެއިން ގެންގުޅޭ "ސްޓޭންޑް" ބަދަލު ނުވާކަމަށް ވެސް ދިވެހި ހާރިޖިއްޔާއިން ވަނީ ދަ ޕްރެސްއަށް ކަށަވަރުކޮށްދީފައެވެ.

ދިވެހި ހާރިޖީ ގުޅުންތަކުގެ ތާރީހަށް ބަލާއިރު، 1965 އިން 1974 އަށް ޑިޕްލޮމެޓިކް ގުޅުން، އަދި 2009 އިން 2014 އަށް އެއްބަސްވުމުގެ ފެންވަރުގައި ގުޅުންތަކެއް ބޭއްވިއެވެ. ދިވެހިރާއްޖެއިން އިސްރާއީލާ ގުޅުން ކަނޑާލުމުގެ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެވެ.

ދިވެހިރާއްޖެއަކީ، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި ތަކުރާރުކޮށް ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން، ދާދި ފަހުން ނައިޖާގައި އޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ މި ގޮވާލުން ތަކުރާރު ކޮށްފައެވެ. ދިވެހިރާއްޖެއިން ދަނީ 1988 ވަނަ އަހަރުން ފަށައިގެން، ރަސްމީ ސިފައެއްގައި ފަލަސްތީނާއެކު ޑިޕްލޮމެޓިކް ގުޅުންތައް ދަމަހައްޓަމުންނެވެ.