އިސްލާމީ ގައުމުތަކާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމަށް އަމާޒު ހިފާފައިވާ ޔަހޫދީ އިސްރާއީލުން މި ލިސްޓުގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރާ ކަމުގެ އިޝާރާތްތަކެއް ބައިނަލްއަގުވާމީ މީޑިއާއިން ކޮށްފިއެވެ.
އަރަބި ގަލްފުގެ ވަރުގަދަ ގައުމުތަކަކާ ދާދި ފަހުން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި އިސްރާއީލުން މިފަދަ ގުޅުންތަކެއް ބަދަހި ކުރުމަށް މަޝްވަރާ ކުރަމުން އަންނަ އިތުރު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އަރަބި ވިޔަފާރިވެރިޔާ ޖަމާލް ޑެނިއަލް ކޮންޓްރޯލް ކުރާ އަލް-މޮނީޓާ އަދި ޓައިމްސް އޮފް އިސްލާމްއާބާދު ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެމެރިކާ އިސްވެ އޮވެ، އަބްރަހަމް އެކޯޑްސްގެ ނަމުގައި އިސްރާއީލާއެކު ގައުމުތަކުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެކުވެރި އަރަބި އިމާރާތް، ބަހްރައިން، ސޫދާން އަދި މޮރޮކޯއިން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކޮށްފައެވެ.
އިސްރާއީލުން މިހާރު އެންމެ ހަލުވި ދުވެލީގައި މަސައްކަތް ކުރަނީ މި ލިސްޓަށް އިންޑޮނޭޝިއާވެސް އިތުރު ކުރުމަށް ކަމަށް ހަބަރު ލިބެއެވެ.
އޭގެ ފަހަތުން ޕާކިސްތާން، ބަންގްލަދޭޝް އަދި ދިވެހިރާއްޖެ އިތުރު ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާކަމަށް ވައިނެޓްނިއުސްއާ ހަވާލާދީ ޓައިމްސްއޮފް އިސްލާމް އާބާދުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މިފަދަ މަޝްވަރާތަކެއް ކުރިއަށްދޭތޯ ބެލުމަށް ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާގައި ކުރި ސުވާލަށް އަދި އެ ވުޒާރާއިން އިޖާބައެއް ދީފައެއް ނުވެއެވެ.
ދިވެހި ހާރިޖީ ގުޅުންތަކުގެ ތާރީހަށް ބަލާއިރު، 1965 އިން 1974 އަށް ޑިޕްލޮމެޓިކް ގުޅުން، އަދި 2009 އިން 2014 އަށް އެއްބަސްވުމުގެ ފެންވަރުގައި ގުޅުންތަކެއް ބޭއްވިއެވެ. ދިވެހިރާއްޖެއިން އިސްރާއީލާ ގުޅުން ކަނޑާލުމުގެ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެވެ.
ދިވެހިރާއްޖެއަކީ، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި ތަކުރާރުކޮށް ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން، ދާދި ފަހުން ނައިޖާގައި އޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ މި ގޮވާލުން ތަކުރާރު ކޮށްފައެވެ. ދިވެހިރާއްޖެއިން ދަނީ 1988 ވަނަ އަހަރުން ފަށައިގެން، ރަސްމީ ސިފައެއްގައި ފަލަސްތީނާއެކު ޑިޕްލޮމެޓިކް ގުޅުންތައް ދަމަހައްޓަމުންނެވެ.