އުދުއްސާލަން ތައްޔާރުވުމަށް ޓެކްސީ ކުރަމުންދާ މަތިންދާ ބޯޓެއްގެ ފިޔަގަނޑު މައްޗަށް އަރައިގެން މީހަކު ހިނގާތީ ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ބައެއް މީހުންނަށް ދިރިއުޅުމުގައި ވަގުތު ގިނަ ވެފައި އޮންނައިރު، ފޫހިފިލުވާލުމަށް އެކި މީހުން ކުރާނީ އެކި ކަންތަކެވެ. ކުޅޭނީ އެކި ކުޅިވަރެވެ. ނަމަވެސް، މި ވީޑިއޯއިން ފެންނަ މީހާ ހިޔާރު މިކުރީ އާދައިގެ ކަމެއް ނޫނެވެ. ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހުއްދަވެސް ކަމެއް ނޫނެވެ.

ވީޑިއޯއިން ފެންނަނީ މެކެރަން އިންޓަނޭޝަން އެއާޕޯޓުން އުދައްސާލަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ އެލަސްކާ އެއާލައިންސްގެ ބޯޓެއްގެ ފިޔަގަނޑު މައްޗަށް މީހަކު އަރާ މަންޒަރެވެ. އެ ސްޓަންޓް ވީޑިއޯކޮށް، ސޯޝަލް މީޑިއަށް ދޫކޮށްލީ ފަސެންޖަރެކެވެ.

ފިޔަގަނޑު މައްޗަށް އެރުމަށް ފަހު، އޭގެ މަތީގައި އެކި ކޮޅުކޮޅަށްވެސް އެމީހާ ހިނގާތީ ފެނެއެވެ. އަދި ކުޑަކަކޫ ޖަހައިގެން ފިޔަގަނޑު މައްޗަށް ތިރުވެ، އަތުގެ އިނގިލިތަކުން ހިތެއްގެ ބައްޓަން އެޅުމަށްފަހު އުޑާ ދިމާއަށް ދިއްކޮށްލައެވެ. އޭގެ ފަހުން، ފިޔަގަނޑު މަތީގައި ބަންޑުން އޯށެވެ އޮވެ، ފިރުކެން ފަށައެވެ.

ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމާއެކު، އޭނާއާ ދިމާލަށް އޮފިސަރުން އަންނާތީ ފެނެއެވެ. އޭރުވެސް އޭނާގެ މޫނުން ހާސް ކަމެއް ނުފެނެއެވެ. އަމާން ދިނުމުގެ އުސޫލުން 2 އަތް އުފުލާ މަންޒަރުވެސް ފެނެއެވެ.

އެއާޕޯޓްގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކޮށް ސުވާލުކުރިއެވެ. އެއީ ސިކުނޑި ހަމަނުޖެހޭ މީހެއްތޯ ބެލުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، ވީޑިއޯއިން ފެންނަ މީހާ މި ހުރިހާ ކަމެއްވެސް އޭނާ ކުރީ މަޖަލަކަށް ކަމަށްވެއެވެ. މަޖަލަކަށް ނަމަވެސް، އެ ކުރި ކަމެއް އެ ކުރީ ކީއްވެ ކަމާ، ފިޔަގަނޑާ ހިސާބަށް އޭނާ ދިޔައީ ކިހިނެއް ކަން އަދި ސާފެއް ނުވެއެވެ.

https://www.youtube.com/watch?v=lLV2fp5Y-hk

ހާދިސާއަށް ފަހު އެލަސްކާ އެއާލައިންސްއިން ފްލައިޓް އަނބުރާ ގެންދިޔައީ ގޭޓަށެވެ. ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާ، އެންމެންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.