ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ރެކޯޑް އަދަދުތަކުން ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އެމެރިކާގައި މިއަދު ވެކްސިން ދޭން ފަށާފައިރު، ވެކްސިން ލިބޭ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވައިޓްހައުސްގެ އިސް އޮފިޝަލުން ކަމަށް، ވައިޓްހައުސްގެ އޮފިޝަލަކާ ހަވާލާދީ، އެމެރިކާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ސަޕްލައިގެ ދަތިކަން މިވަގުތަށް ކުރިމަތިވެފައި ވާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްއިން ވައިޓްހައުސްގެ އިސް އޮފިޝަލުންނަށް ޑޯޒްތައް ހާއްސަކޮށްފައި ވާއިރު، އެހެން ގައުމުތަކުގައި ވެކްސިން ދިނުމުގެ އުސޫލުގައި އެންމެ ހާއްސަ ސަމާލު ކަމެއް ދެނީ ދޮށީ އުމުރުގެ މީހުންނާއި، ބަލިޖެހުމުން ނުރައްކާ ވާ މީހުންނާއި، ސިއްހީ ހިދުމަތްތެރިންނަށް ކަން ފާހަގަ ކުރަން ޖެހެއެވެ.
ވައިޓްހައުސްގެ އިސް އޮފިޝަލުންނަށް މި ބުރުގައި ވެކްސިން ދިނުމުން ނިމުނީ ނޫން ކަމަށާ، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ އެހެން ހިސާބުތަކުގައި ހިމެނޭ ފަރާތްތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ލިބޭނެ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.
އޮފިޝަލު ވިދާޅުވީ ގައުމީ ސިއްހީ ނިޒާމުގެ ތެރޭގައި ހިދުމަތް ކުރަމުން އަންނަ ފަރާތްތަކަށް، ކައިރި މުސްތަގުބަލެއްގައި ވެކްސިން ލިބޭނެ ކަމަށެވެ. މި ކަމުގައި އިސްކަން ދޭނީ އައިސީޔޫގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ކަމަށާ، ޑރ އެންތަނީ ފައޫޗީ ފަދަ ސިއްހީ ދާއިރާގެ އިސް އޮފިޝަލުންނަށް ވެކްސިން ލިބޭނީ ކުރީ ސަފުގެ ހިދުމަތްތެރިންނަށް ފަހުގައި ކަމަށްވެސް އޮފިޝަލާ ހަވާލާދީ، އެމެރިކާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ގެ ތަރުޖަމާނު ޖޯން އަލިޔޮޓް ވިދާޅުވީ، އާންމު ރައްޔިކތުންނަށްވެސް ލިބެނީ ސަރުކާރުގެ އިސްވެރިންވެސް ބޭނުން ކުރައްވާ، ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ވެކްސިން ޑޯޒްތަކެއްކަމުގެ ޔަގީންކަން ދޭން ޖެހޭ ކަމަށެވެ. މިއީ ސަރުކާރުގެ އިސްވެރިން ވެކްސިން ހޯއްދެއްވުމަށް ދައްކަވާ ހުއްޖަތަކަށްވެސް ވެދާނެއެވެ.
ހުދު ޓްރަމްޕްވެސް މީގެ ދުވަސްތަކެއް ކުރިން ކޮވިޑް-19ގެ ތަކުލީފުތައް އުފުއްލަވާފައި ވާއިރު، ވައިޓްހައުސްގެ ކްލަސްޓާއިން ދޭތެރެ ދޭތެރެއިން ކޭސްތައް ފެނެއެވެ. ވައިޓްހައުސްގެ ގިނަ އިވެންޓްތަކަކީ، އަހުލާގާއި ސުލޫކުގެ ތެރެއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް ހިފަހައްޓަންޖެހޭ މިންގަނޑުތަކާވެސް ހިލާފު އިވެންޓްތަކެއް ކަން ފާހަގަ ކުރަންޖެހެއެވެ.
އާންމު އުސޫލުން ވެކްސިން ދިނުމުގެ އަމަލީ މަޝްރޫއު މިއަދު އެމެރިކާގައި ފަށާއިރު، މި ކެމްޕޭންގައި ބޭނުން ކުރަނީ ފައިޒާއާއި ބައޮއެންޓެކު ކުންފުނިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މޮޑާނާއިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒް ގަތުމަށް އެމެރިކާއިން އޯޑަރު ދީފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.