ފަތުރުވެރިން އިތުރުވަމުން ދާއިރު ވަސީލަތްތައް ވެސް އިތުރު ކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފަތުރުވެރިން ހާހުން ހާހުން އިތުރުވަމުން ދާއިރު ވަސީލަތްތައް އިތުރު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އިރުއޮއްސުމުގެ ކުރިން ފަތުރުވެރިން ދިއުމަށް ހަމަޖެހިފައިވާ ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވެފައި ތިބެން ނުޖެހޭ ގޮތަށް އުސޫލެއް ވެސް އިންތިޒާމް ކުރަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ހަތަރު ފަސް ގަޑިއިރު ކިއުގައި ކޮޅަށް ތިބެ އިރު އޮއްސުމުގެ ކުރީން ދާންވާ ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވާން ނުޖެހޭނެ ހަލުވި އަވަސް އުސޫލަކަށް އިންތިޒާމް ވާންޖެހެވެ.
އިބްރާހިމް ރަޝީދު (ބޮންޑޭ)

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ވެސް ވަނީ އިތުރު ވެފައެވެ.

ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެއްދުވަހާ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އިއްޔެ 3،864 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ވަނީ އެއާޕޯޓު ޓްރެފިކަށް ބާރު ބޮޑުވަމުން ދާތީ އެއާޕޯޓުން ފުރާ އަދި އަންނަ ޕެސެންޖަރުންނާއި ބައްދަލުކުރަން އެއާޕޯޓަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފައެވެ.

އެގޮތުން އެއާޕޯޓަށް ކޮންމެހެން އަންނަން ޖެހިގެން ނޫން ހާލަތެއްގައި ނައުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ އެކަކުން އިއްޔެގެ ނިޔަލަށް 27،416 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަކީ 486،404 އެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ރަޝިއާއެވެ. އެގޮތުން ރަޝިއާ އިން 21،856 ފަތުރުވެރިން ބޯޑަރު ހުޅުވާލި ފަހުން އައިސްފާވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ އިންނެވެ. އެއީ 15،774 ފަތުރުވެރިނެވެ. އަދި އިނގިރޭސިވިލާތުން 9،857 ފަތުރުވެރިން ވަނީ އައިސްފައެވެ.