ޓެރަރިޒަމް ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޓެރަރިޒަމަށް އިޖާބަދިނުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރްޕީ)ގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް، ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ބައިވެރިވުމާއެކުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އެންޓީއާރްޕީއަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެ ޕްލޭނަކީ ޓެރަރިޒަމާއި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ޕްލޭނެއްކަން ރައީސް ފާހަގަ ކުރައްވާފައެވެ.

މިއަދު ބޭއްވި އެ ހަރަކާތަކީ، ޓެރަރިޒަމްގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށް ބޭއްވި ހަރަކާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިހަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވީ، ރާއްޖެއާއި އިނގިރޭސި ވިލާތަކީ، ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ހިޔާލާއި ވިސްނުން އެއްގޮތް ދެ ގައުމު ކަމަށާއި، މި ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއަދު ބޭއްވި އެ ހަރަކާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެންބަރުންނާއި، އަދި ނެޝަނަލް ސެކިއުރިޓީ ސާވިސަސްގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ހަރަކާތައްފަހު، އެންޓީއާރްޕީގެ ވަރކިން ސެޝަންތައް އެކަމުގައި ބައިވެރިވާ އެހެނިހެން އިދާރަތަކާއިއެކު ހިންގޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ސެޝަންތަކުގެ އެންމެ ބޮޑު އެއް މަގްސަދަކީ ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއް ބައިވެރިވުމާއެކު ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.