ޔުނިސެފްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 420 ލެޕްޓޮޕާއި ދިވެހި ކިޔުމަށް ދަރިވަރުން އަހުލުވެރި ކުރުމަށް، ދިވެހި ވާހަކަފޮތް އަދި ސްކޫލްތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓް ހަދިޔާކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެޕްރެޒެންޓޭޓިވް ޑރ. މުނީރް އޭ ސަފީލްދީންއެވެ. އަދި އެތަކެއްޗާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެތަކެތި ހަދިޔާ ކޮށްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށާއި އަންނަ އަހަރު ސްކޫލުތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނޭ 420 ލެޕްޓޮޕަކީ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިޔުކޭޝަން (ޖީޕީއީ)ގެ ފަންޑުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. އަދި ޑިސްއިންފެކްޓެންޓަކީ ޔޫއެސްއެއިޑްގެ އެހީގައި ޔުނިސެފުން ހަދިޔާ ކުރި ތަކެއްޗެވެ.

އޭގެ އިތުރުން ޔުނިސެފުން މިއަދު 2726 ދިވެހި ވާހަކަ ފޮތް ހަދިޔާކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް އަދި ޔުނިސެފްގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޔުނިސެފާއި ތައުލީމީ ދާއިރާއާ ދެމެދުވާ ގާތް ގުޅުމަށް ޝުކުރު ފާހަގަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރު ވަނީ މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.