ށ. ކޮމަންޑޫ ބަނދަރުގެ 95 ޕަސެންޓް މަސައްކަތް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީ ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 14،731 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުން ކުރުމާއި 190 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ.

އޭގެ އިތުރުން ހަ މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި 1،991.20 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުންނެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގެ އަށް ވަނަ ދުވަހު އެމްޓީސީސީ އިން ފަށާފައިވާއިރު، މި މަޝްރޫއަށް 29.41 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ބުނެއެވެ.