މޫސުމަށް އަންނަ ބަދަލުތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތް ތަކެއް ކުރާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރު ފުރުން ފާހަގަ ކުރުމަށް އދ އިން އޮންލައިން ކޮށް ބޭއްވެވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހަންމަލު ކުރަން ޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައި ވާ ގައުމަކަށް ވުމާއެކު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތް ތަކެއް ކުރާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަ ކުރުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރު ވެގެން ކަމަށެވެ.

އަދި އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ގައުމަކަށް ވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރާއްޖެއަށް ވަނީ މަޖުބޫވެފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މީހާރު ހުރި ވަސީލަތްތައް ބޭނުން ކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުން ކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެ ކަމަށާއި އެއީ ރަނގަޅު ފެށުމެއް ކަމުގައި ދެކިގެން މުސްތަގްބަލުގައި މިހާރަށް ވުރެ ބޮޑު ތަސައްވަރަކާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާސިލު ވެވިދާނެ ކަމަށާއި އެފަދަ ލަނޑުދަނޑިއެއް ހާސިލް ކުރާއިރު ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެފަދަ ގައުމުތަކަށް ދެއްވުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ގެންދާނެ ކަން ހާމަކުރައްވައި އެހެން ގައުމުތަކުންވެސް އެކަމުގައި އެ ގައުމުތަކުން އަދާކުރަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ގައުމަތައް ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުން ދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ގައުމުތަކުން ނިންމާފައިވާ މުހިންމު ނިންމުން ތަކާއި އެކުލަވާލާފައިވާ މުސްތަގްބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ހިއްސާ ކުރުމަށް ފުރުސަތު ފަހިވެގެން ދާނެ ސަމިޓެކެވެ. އެ ސަމިޓަކީ އިނގިރޭސިވާލާތާއި، ފްރާންސް އަދި އދ އިން އިސްނަގައިގެން ޗިލީ އަދި އިޓަލީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ. އެ ސަމިޓް މަގުފައިވެގެން ދާނީ ޔޫއެން ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އިން 2021 ވަނަ އަހަރުގެ ނޮވެންބަރު 1-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީ.އޯ.ޕީ) ގެ 26 ވަނަ ސެޝަނަށެވެ.