އަވަށްޓެރި އިންޑިއާގެ އެތައް ހާސް ދަނޑުވެރިންނެއް ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ވާހަކައަކީ މިއަދު އާ ވާހަކައެއް ނޫނެވެ. އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނު އޮތް ގޮތުން، އުފެއްދުން ތަކަށް ހަމަ އަގު ނުލިބި، ޕްރައިވެޓް ވިޔަފާރި ވެރިންނަށް ލަގަން ދޫކޮށްލަން ޖެހޭ ދަރަޖައަށް ކަންތައްތައް ގޯސްވާ ގޮތަށް ފަރުމާކޮށްފައި ވާ ކަމަށް ބުނާ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާ ދަނޑުވެރިންނާއި ސަރުކާރާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތައްވެސް އޮތީ ކޮޅެއްގައި ނުޖެއްސިފައެވެ.

އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނުގެ ސީދާ އަސަރު ފޯރަނީ ދަނޑުވެރިންނަށެވެ. ނަމަވެސް، މިއީ އެ ދަނޑުވެރިންގެ އުފެއްދުން ތަކަށް ބަރޯސާވާ ބައިނަލްއަގުވާމީ މުޖުތަމައަށްވެސް އެކަމުގެ އަސަރު ފޯރާނެ ކަމެއް ކަމަށް ބެލެވެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިންގެ ތެރޭގައި، އިންޑިއާގެ ރީނދުލާއި، މިރުސް އަދި އިނގުރާއި ފިޔާ ފަދަ އުފެއްދުން ތަކަށް ބަރޯސާވާ މެމްބަރުން އިންތިހާއެވެ.

އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަނީ / ފޮޓޯ: ބޭ ނިއުސް 9

ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައި ވާ ވެރިރަށް ނިއުދިއްލީ ސަރަހައްދުގައި އެތައް ހާސް ދަނޑުވެރިންނެއް، އެތައް ދުވަހެއް ވަންދެން މުޒާހަރާ ކުރަމުން އެދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ބޯހިމެނުމުގެ ރެކޯޑް ތަކަށް ބަލާއިރު އިންޑިއާގެ މަސައްކަތްތެރިންގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މަސައްކަތްތެރިން ނިސްބަތް ވަނީ، ދަނޑުވެރިކަމުގެ ސިނާއަތަށެވެ. 2018-2019 ވަނަ އަހަރާ ދެމެދު އިންޑިއާގެ ދަނޑުވެރިއަކަށް އާމްދަނީއެއްގެ ގޮތުގައި މަހެއްގެ މައްޗަށް ޖެހުނީ 10329 ރުޕީޒް (ގާތްގަނޑަކަށް 140 ޑޮލަރު) އެވެ. މީގެ ތެރެއިން، 263.1 މިލިއަން މަސައްކަތްތެރިންނަކީ، ބަނޑުފުރާނަ މުއްތިކުރުމަށާއި ބޯހިޔާވަހިކަން ހޯދުމަށް، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބަރޯސާވާ މީހުންކަން ހަނދާން ކުރަންޖެހެއެވެ.

އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާތަކުގެ އެންމެ ހާއްސަ އެއް ކަމަކީ، މިއީ ހަމައެކަނި އިންޑިއާގެ ފަސްގަނޑުގައި ކުރަމުންދާ މުޒާހަރާއަކަށް ނުވާ ކަމެވެ. އިންޑިއާގެ ދަނޑުވެރިންގެ ހައްގުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި މުޒާހަރާ ވަނީ ފެތުރިފައެވެ. އެހެނީ، އިންޑިއާގެ ދަނޑުވެރިންގެ އުފެއްދުންތެރި ކަމަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ ކާ ސުފުރާތަކުގެ އަސާސަށް ވާތީއެވެ.

ފިޔާ އަދި އަލުވި ފަދަ ޒަރޫރީ ކާބޯތަކެތި ވިއްކާ ކަޑައެއް ގައި ވިޔަފާރީގެ މުއާމަލާތް ހިންގަނީ / ފޮޓޯ: ވީއޯއޭ

މުޅި ދުނިޔޭގެ ބާޒާރަށް ބަލާއިރު، ހަވާދު ބާވަތްތައް އުފެއްދުމާއި، ބޭނުން ކުރުމާއި، އެކްސްޕޯޓް ކުރުމުގައިވެސް އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. ދުނިޔޭގެ ނިސްބަތުން އުފައްދާ ހަވާދުގެ ބާވަތްތަކުގެ 63 ޕަސެންޓް ހިއްސާ ކުރަނީ އިންޑިއާއެވެ. މި އުފެއްދުންތަކުގެ ތެރޭގައި އަސޭމިރުސް، ކާފޫރުތޮޅި، މިރުސް، އިނގުރު، ރީނދޫ، ކޮތަނބިރި، ދިރި، ލޮނުމެދު، ދަވިއްގަނދު އަދި ކައްކަން ބޭނުން ކުރާ ކަރީ ޕައުޑަރުވެސް ހިމެނެއެވެ.

2019 ވަނަ އަހަރު އިންޑިއާއިން ހަވާދުގެ އުފެއްދުންތައް އެކްސްޕޯޓް ކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޗައިނާ، ހޮންގްކޮންގް، ބަންގްލަދޭޝް، ތައިލޭންޑް، އިނގިރޭސިވިލާތް، ޔޫއޭއީ، މެލޭޝިއާ އަދި އަވަށްޓެރި ސްރީލަންކާވެސް ހިމެނެއެވެ.

ހަވާދުގެ ބާވަތްތަކާ އުފެއްދުންތަކާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ބާސްމާތީ ހަނޑުލުގެ ވިޔަފާރިއަށް ބަލާއިރު އިންޑިއާގެ ހިއްސާ ބޮޑެވެ. ބައިނަލްއަގުވާމީ ބާޒާރަށް ކިރުގެ އުފެއްދުންތައް ސަޕްލައި ކުރަމުންދާ އެންމެ ވަރުގަދަ ގައުމަކީވެސް އިންޑިއާއެވެ. ހަނޑޫ، ގޮދަން އަދި ގޮވާމުގެ އެހެނިހެން އުފެއްދުންތަކުގައި އިންޑިއާ އޮތީ 2 ވަނާގައެވެ. މެވާއާއި ތަރުކާރީއަށް ބެލިކަމުގައި ވީ ނަމަވެސް، މިކަން އޮތީ ހަމަ މިހެންނެވެ.

އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަނީ / ފޮޓޯ: އަލްޖަޒީރާ

ޖިއޮގްރަފީ ގޮތުން ބަލާއިރުވެސް އިންޑިއާގެ ދަނޑުވެރިކަން ހާއްސައެވެ. ދަނޑުވެރިކަމަކީ ހަމައެކަނި ބަނޑުފުރާ މުއްތި ކުރުމަށް ބޭނުން ކުރާ ކާބޯތަކެއްޗަށް ހާއްސަ ސިނާއަތެއް ނޫންނެވެ. އެތައް ހާށް ބާވަތެއްގެ ގަސްގަހާގެހި، އިންޑިއާގެ ބިމުގައިވެއެވެ. މީގެ ތެރެއިން 7500 ބާވަތަކީ ބޭސްވެރިކަމުގައި ބޭނުން ކުރާ ބާވަތްތަކެވެ. ފޭރާން ހެދުމަށް ބޭނުން ކުރާ ކޮޓަން ނުވަތަ ކަފަ ގަސް އިންދާ ހެއްދުމާއި އޭގެ ވިޔަފާރީގައިވެސް އިންޑިއާ އޮތީ އެންމެ ކުރީގައެވެ.

އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނު ކުރިން އޮތް ގޮތުން ނަމަ ދަނޑުވެރިންގެ އަތުން އުފެއްދުންތައް ގަންނާނެ އެންމެ ދަށް އަގަކަކަށް ސަރުކާރުން އޮތީ އެއްބަސްވެފައެވެ. ނަމަވެސް އާ ގާނޫނުގައި ބާރު އޮތީ ޕްރައިވެޓް ސެކްޓަރަށެވެ. ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވާ ގޮތުގައި އާ ގާނޫނުތަކަކީ، އުފެއްދުންތަކަށް އަގު ހޯދުމުގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން މަޝްވަރާކޮށް، އަގު އުފުލުމުގެ ފުރުސަތު ދެނިވި ގާނޫނުތަކެކެވެ.

ނަމަވެސް ދަނޑުވެރިން ދެކޭ ގޮތް ތަފާތެވެ. ދަނޑުވެރިން ބުނާ ގޮތުގައި މިއީ ބޮޑެތި ވިޔަފާރިތަކަށް ފައިދާ ވާ ގޮތަށް އޮތް ގާނޫނުތަކެކެވެ.