ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ލަސްވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާ ޝަކުވާ ބެލުމުގައި އަމަލުކުރާނެ މިންގަނޑެއް އެކުލަވާލައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކޮންމެ ފަނޑިޔާރަކުމެ އެފަނޑިޔާރަކު ބެލުމަށް ހަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން މައްސަލަތަށް ލަސްނުކޮށް ނިންމުމުގައި ފަނޑިޔާރުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިވޭތޯ ބެލުމުގައި އެކޮމިޝަނުން ރިއާޔަތްކުރާނޭ މިންގަނޑު މިދިޔަ މަހުގެ 20 ވަނަ ވަނަ ދުވަހު ޝާއިއުކޮށްފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
އެމިންގަނޑާ އެއްގޮތަށް އަމަލުކުރަން ފަށާނީ ޖެނުއަރީ 01، 2021 އިން ފެށިގެން ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެ މިންގަނޑުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް އަންގާފައިވޭތޯ ބަލަން ޖެހެއެވެ. އަދި އެގޮތަށް އެންގުމަށް ފަހު އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން އެފަނޑިޔާރަކު މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދެމުން ގޮސްފައިވޭތޯ ބެލަން ޖެހެއެވެ.
އޭގެ އިތުރުން އިސް ފަނޑިޔާރުނަމަ އެ ކޯޓުގެ ނުވަތަ ދާއިރާގެ ރިޕޯޓް އެކުލަވާލާފައިވޭތޯ ބެލަން ޖެހެއެވެ. އަދި މައްސަލަ ނުނިމި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ ޖިނާއީ މައްސަލައަކާ ގުޅިގެންނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 106 ވަނަ މާއްދާގެ (ހ) އާއި 116 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީހުތަކާއާއި ގަޑި ކަނޑައަޅައި ތާވަލު މައްސަލައިގައި ހިމެނޭ ހަޞްމުނަށް ދީފައިވޭތޯ ބެލަން ޖެހެއެވެ.
ހަމައެހެންމެ ދިވެހިރައްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސް ފަނޑިޔާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އިސްފަނޑިޔާރުން އަދާކޮށްފައިވޭތޯ ބެލަން ޖެހެއެވެ. އަދި ވަކި މުއްދަތެއްގައި ފަނޑިޔާރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމެއްގައި އެމުއްދަތުގައި އަމަލުކޮށްފައިވޭތޯ ބެލަން ޖެހޭ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
ޢަވަސް ވުން މައްސަލައެއް، ލަސްވުމަކިި މައްސަލައެއް