މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ދެމެދު ޑިރެކްޓާ ޖެނެރަލް ލެވެލްގައި މިއަދު ބޭއްވި މަޝްވަރާތައް ނިންމާލައިފިއެވެ.
ވާޗުއަލްކޮށް މިއަދު މެންދުރު ބޭއްވި އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމާއި އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަާ ގުޅޭގޮތުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާ އަދި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އަލުން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފެއްޓުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ފަރާތުން އެ މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އެ މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއާޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގއެވެ.
އެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ވަނީ ދިވެހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި ޗައިނާ ސަރުކާރާއި ވިޔަފާރިތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިރާއްޖެ އިން ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަން ފާހަގަކުރައްވާއި އަވަސް މުސްތަގްބަލެއްގައި ދެގައުމުގެ ދެމެދު ދަތުރު ފަތުރު އަލުން ފެށި ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖާވިދު ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޗެންގް ސޮންގް ވަނީ ދިވެހިރާއްޖެ އާއި ޗައިނާއަކީ ވަރަށް ގާތް ދެގައުމު ކަމަށާއި އަދި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާއަށް ދިވެހިރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ދިވެހިރާއްޖެއަކީ ޗައިނާގެ މުހިއްމު ބައިވެރިއެއް ކަމަށް ޗެންގް ސޮންގް ވިދާޅުވެފައިވާ ކަމަށެވެ.
މިއަދުގެ މަޝްވަރާތަކުގައި ދެގައުމުގެ ދެމެދު އޮންނަ ގުޅުން އެކި ދައިރާތަކުން އިތުރަށް ބަދަހިކުރުމަށް ދެގައުމުން އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި އިގްތިސާދީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި އަދި ހާރިޖީ ވަޒީރުންގެ ފެންވަރުގައި ދެގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިޝަނަލް ސެކްރެޓަރީ ޖާވިދުގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އާއި އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލީޝާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓަންޓް ޑިރެކްޓާ މަރްޔަމް ބައްސާމާ ފާރޫގެވެ.
ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓާ ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހު ވެސް ވަނީ މަޝްވަރާތައް ބާއްވާފައެވެ.