ރާއްޖޭގެ އިގްތިސޯދު ނުހުއްޓި އޮތީ މަސްވެރިކަމުގެ ސަބަބުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައި ވަނީ މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ކޯވިޑް19އިން ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް ނައިސް އޮތުމުގަައި މަސްވެރިކަމުގެ ދައުރު ބޮޑު ކަމަށާއި އެކަމަށްޓަކައި ހުރިހާ މަސްވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް ވަނީ ދުނިޔެއަށް އަންނަ އިގްތިސޯދީ އަދި ސިއްހީ ކުއްލި ލޮޅުންތަކުން ސަލާމަތް ވުމަށްޓަކައި މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސޯދީ ވަސީލަތް ކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރުގައި ދިވެހި މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި މުޅިން އާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދޯނި ފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އިތުރު ކުރެވޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.