އެންމެ ބޮދެތި ވަގުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރައްކާތެރިކަން ލިބިގެން ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު ވިދާޅުވީ، މި ސަރުކާރަށް އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކޮރަޕްޝަނެއް ނުހުއްޓުވޭނެ ކަމަށެވެ.

ކޮރަޕްޝަންގެ ވާހައަކަށް އިތުރަށް އަލިޅުއްވާލައްވަމުން ޖަމީލް ވިދާޅުވީ، ކޮރަޕްޝަން އާންމުވީ އަދަބުގެ ނިޒާމް ފުނޑާލުމުން ކަމަށާއި ކޮރަޕްޝަންއާ ބެހޭ ގޮތުން މި ސަރުކާރުން ކުއްލިޔަކަށް ވާހަކަ ދައްކަނީ ހުތުރު އަމަލްތައް ފޮރުވުމަށް ކަމަށެވެ. ހުކުމަށް ފަހު ވެސް ބޮޑެތި ކުށްވެރިން ގޭގައި ތިބުމުން އެނގިގެން ދަނީ ކޮރަޕްޝަން ހުއްޓުވޭ ވަރަށް ވުރެ ރައީސް ސޯލިހްގެ އަތްޕުޅު ކިލަނބުވެފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެކަނި ސާބިތުކޮށް ދެވުނީ ކޮރަޕްޝަނަކީ ބިރުގަންނަންޖެހޭ ވަރުގެ ކުށެއް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމްއެމްޕީއާރްސީ ހިޔާނާތުގެ ކުށް ސާބިތުވެ ހަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ އިރު އެ ކޮރަޕްޝަންގައި ހިމެނިވަޑައިގަންނަވާ ދެ މީހުން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު ހުންނެވީ ގޭ ބަންދުގައެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަައިގައި ދާދި ފަހުން ޒިޔަތު ވަނީ 32 ދައުވާއަކަށް އިއުތިރާފްވެ ވަޑައިގެންފައެވެ. އަދި 32 ދައުވާއަށް އޭނާއަށް ވަނި 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ. އެކަމާ ގުޅިގެން ޒިޔަތު ވިދާޅުވެފައި ވަނީ އެ މަގާމުގައި ހުންނެވި އިރު އަމަލު ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދީބު އަންގަވާ ގޮތުގެ މަތިން ކަމަށެވެ. އޭގެ އިތުރުން ހިޔާނާތުގެ އެއްވެސް ފައިސާއެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ. ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަންނަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރިއެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސް އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދީބަށް އިއްވި ހުކުމާއެކު، ކުރި ޖޫރިމަނާ ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ޖެހޭ ގޮަތަށް އޭރު ވަނީ ނިންމާފައެވެ.

އަދީބުގެ މައްޗަށް ހުކުމް ކޮށްފައި ވާއިރު، ކުރީގެ އަޑުއެހުމުގައި އަދީބު ވަނީ ދައުވާ އަށް އެއްބަސްވުމުގެ އިތުރުން އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން، ކުރެވުނު ކުށްތަކަށް ތައުބާވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އޭނާވެސް ހުންނެވީ ގޭ ބަންދުގައެވެ. އަދީބުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ނިދަން ޖެހެނީ ސްލީޕް އެޕްނިއާ މެޝިނެއް ގުޅައިގެން ކަމަށާއި ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޯމާވެސް އޭނާއަށް ޖެހިފައިވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.