ހުހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ދާއިމީ ލިސްޓުތައް ފައިނަލް ކުރެވޭތޯ މަސައްކަތް ކުރަމުންދަ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެލުލަވާލާފައިވާ ކޮމެޓީންް ބުނެފިއެވެ.
ފްލެޓު ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ ރައީސް ތޯހާ މުހައްމަދު ވިދާޅުވީ ސިވިލް ސާވިސް ކެޓަގަރީ އަށް ފޯމުލީ ފަރާތްތަކުގެ ފޯމުތައް ދިރާސާކޮށް ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މީގެ ކުރިން އިއުލާނުކުރި ވަގުތީ ލިސްޓުތަކާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑުވެސް އެ ކޮމެޓީން ވަނީ އާންމުކޮށްފައެވެ.
ފްލެޓް ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަޔަށް އިންސާފުވެރި އަދި ހަމަހަމަ ކަމާއެކު، ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ފޯމު ހުށައަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްގެން ކަމަށް ކޮމިޓީއިން ނިންމައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަންނީ ލަފަޔާއެކު، ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް އެކުލަވާލި ކަމަށެވެ.
ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ މިންގަނޑުގައި ކުރިން ހާމަނުކުރީ އެ މައުލޫމާތަކީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ކަމުގައިވާ ނަމަ އެންމެ އިންސާފުވެރި ކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތުތަކެއް ކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށް ފްލެޓް ކޮމެޓީން ބުނެއެވެ.
ފްލެޓްތަކުގެ މައްސަލައިގައި އެތައް ބައެއްގެ ގިނަ ޝަކުވާތަކެއް ހުރި ނަމަވެސް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ފްލެޓް ދިނުމުގައި މި ސަރުކާރުން އެއްވެސް މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށެވެ.
ކުރިީ ސަރުކާރުން ފްލެޓް ދިނުމަށް ލިސްޓު އިއުލާން ކުރި އިރު، ފްލެޓް ދިނުމަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ނުކޮށްވާ އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ފްލެތް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ. ކުރީގެ ސަރުކާރުން ފްލެޓް ދިން އިރު ދިރިއުޅުމުގެ ހާލަތާއި ދަރިން ތިބި އަދަދަށް ބަލާފައި މާކްސް ދިން ގޮތުގެ ތަފްސީލެއް ހިމަނާފައި ނުވާ ކަމަށާއި، ކަނޑައެޅިގެން ފްލެޓް ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައި ހުރިކަން އެނގެން އޮތް ކަމަށްވެސް އެ ކޮމިޓިން ވާނީ ފާހަގަ ކޮށްފައެވެ.