އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގެންފައި ވަނީ، މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި މި ކަމާ ގުޅޭ އިދާރާތަކާއެކު ބޭއްވެވި ބައްދަލު ވުމެއްގައެވެ. އެ ބައްދަލު ވުމުގައި ނައިބު ރައީސް ވަނީ، އެ މަރުކަޒުގައި ކިޔަވަމުން ދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުސަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ފައިސަލް ނަސީމް ވިދާޅުވީ، އެ މަރުކަޒުގައި ތަމްރީނު ފުރިހަމަ ކުރަމުން ދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައި ވާ ކަމުގެ ޝަކުވާ އިތުރުވެފައި ވާ ކަމަށާއި އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަން ޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، މިއީ ވީ އެންމެ އަވަސް ފުރުސަތެއްގައި ހައްލު ބޭނުން ވެފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާ، ނައިބު ރައީސް ވަނީ އެ މަރުކަޒު ހިންގާ މީހުންނާ މަޝްވަރާކޮށް އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.

‎އެ ބައްދަލުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑޮކްޓަރު އިބްރާހީމް ހަސަނާއި، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަޙުލާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.