ހިޔާ ފްލެޓް މަޝްރޫއުގެ 7000 ފްލެޓްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭން ނިންމި 500 ފްލެޓުން ބައެއް މި ސަރުކާރުން އުނިކުރި ކަމަށް ދެކެވޭ ވާހަކަ އަކީ ތެދު ވާހަކައެއް ނޫން ކަމަށް ފްލެޓް ކޮމިޓީގެ މެންބަރު ތޯހާ އަހުމަދު ވިދާޅުވެއްޖެއެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯހާ ވިދާޅުވީ، 2500 ހައުސިން ޔުނިޓުގެ ޕްރޮޖެކްޓަކީ އަދި ނުހިންގާ ޕްރޮޖެކްޓެއް ކަމަށާއި އެ ލިސްޓުގައި ނުކުޅެދުންތެރިކަން ހުރި މީހުންނަށް 500 ހައުސިން ޔުނިޓް ހިމަނާފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ 7000 ހައުސިން ޔުނިޓް މަޝްރޫއުގައި ކަމަށާއި އެ 7000 ޔުނިޓުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައި ވަނީ 200 ހައުސިން ޔުނިޓް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ 200 ހައުސިން ޔުނިޓަށް އެއްވެސް ބަދަލެއް މި ސަރުކާރުން ނުގެންނަ ކަމަށާއި އަދިވެސް 700 ހައުސިންގް ޔުނިޓުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީން 200 ހައުސިން ޔުނިޓް ދޭން ނިންމާފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
2500 ހައުސިން ޔުނިޓްގެ ލިސްޓަކީ މިދިޔަ ސަރުކާރުން 7000 ހައުސިން ޔުނިޓްގެ ލިސްޓް ނެރުނު އިރު "ލިސްޓް 2" ގެ ނަމުގައި ނެރުނު ލިސްޓެއް ކަމަށް ތޯހާ ވިދާޅުވިއެވެ. ނަމަވެސް އެ ލިސްޓަށް ކުރިމަތިލާންވެސް އިއުލާން ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 2500 ހައުސިން ޔުނިޓްގެ ލިސްޓުގައި ހިމެނެނީ މާލެ ރަށްވެހިންނަށް 1000 ޔުނިޓް، 18 އަހަރާއި 40 އަހަރާ ދެމެދުގައި ކައިވެނިކޮށްގެން އުޅޭ މީހުންނަށް 500 ޔުނިޓް، ދަފްތަރު ކެޓަގަރީއަށް 500 ޔުނިޓް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 500 ޔުނިޓް ކަމަށް ތޯހާ ވިދާޅުވިއެވެ.
އެގޮތުން 2500 ހައުސިން ޔުނިޓަށް ކުރިމަތިލާން ކުރީގެ ސަރުކާރަކުން އިއުލާން ކޮށްފައި ނުވާ ކަމަށާއި އެ ފެލްޓްތަކަށް އިއުލާން ކޮށްފައިވާ ކަމަށް އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް ވެސް ތޯހާ ވިދާޅުވީއެވެ. އެހެންކަމުން އެ 2500 ހައުސިން ޔުނިޓަށް ކުރިމަތިލީ ފަރާތެއްވެސް ނޫޅޭނެ ކަމަށް ތޯހާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އިއުލާން ކުރި 7000 ހައުސިން ޔުނިޓްގެ ލިސްޓުތައް ދިރާސާ ކުރުމަށް ފަހު ފްލެތް ކޮމިޓީން ވަގުތީ ލިސްޓު އިއުލާން ކުރުމާ އެކު ގިނަ ބައެއްގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ. އެގޮތުން ގިނަ ބަޔަކަށް މާކްސް ލިބުމުގައި ހުރި މައްސަލަތައް ފަދަ ގިނަ ޝަކުވާތައް ސޯޝަލް މިޑިއާގައި ވެސް އަންނަނީ ހިއްސާ ކުރަމުންނެވެ.
ފޯމު ހުށަހަޅާފައި ވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތް ކޮށް ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު، އިއުލާން ކުރި ކެޓެގަރީތަކުގެ މިންގަނޑާ ގުޅޭ މައުލޫމާތުތައް ވަނީ ކޮމެޓީގެ އިއުލާން ކޮށްފައެވެ.
އެ ގޮތުން، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު އާންމުކޮށްފައިވާ ކެޓެގަރީ ތަކަކީ:
- H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ
- H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ
- H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ
- H7 (ކައިވެނިކޮށްގެންއުޅޭ 18 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
- H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ
- H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
- H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ
ފްލެޓްތަކުގެ މައްސަލައިގައި އެތައް ބައެއްގެ ގިނަ ޝަކުވާތަކެއް ހުރި ނަމަވެސް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ފްލެޓް ދިނުމުގައި މި ސަރުކާރުން އެއްވެސް މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށެވެ.
ކުރިީ ސަރުކާރުން ފްލެޓް ދިނުމަށް ލިސްޓު އިއުލާން ކުރި އިރު، ފްލެޓް ދިނުމަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ނުކޮށްވާ އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ފްލެތް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ. ކުރީގެ ސަރުކާރުން ފްލެޓް ދިން އިރު ދިރިއުޅުމުގެ ހާލަތާއި ދަރިން ތިބި އަދަދަށް ބަލާފައި މާކްސް ދިން ގޮތުގެ ތަފްސީލެއް ހިމަނާފައި ނުވާ ކަމަށާއި، ކަނޑައެޅިގެން ފްލެޓް ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައި ހުރިކަން އެނގެން އޮތް ކަމަށްވެސް އެ ކޮމިޓިން ވާނީ ފާހަގަ ކޮށްފައެވެ.
ކޮބާ ތޯ އަލަތު ކައިވެނި ކެޓެގަރީ، އެޗް 15؟ ކީއްވެތޯ އެއްވެސް ނޫހެއްގަ މި ކެޓަގަރީގެ ވާހަކަ ނެތީ؟ މި ކެޓަގަރީ މީހުންނާ ވެސް އިންޓަވިއު ކުރި، އެކަމް ލިސްޓެއް އަދިވެސް ނުނެރޭ.