ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ޑިރެކްޓާ ޖެނެރަލް ލެވެލްގެ މަޝްވަރާތައް މާދަމާ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ފަރާތުން އެ މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އެ މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއާޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ކޮވިޑް-19ގެ އާއި ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ކަމަށެވެ.
އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަގްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށާއި ދެގައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
ގައުމުގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި އެމަޝްވަރާތައް އިސް ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު ޗައިނާއަކީ ކޮވިޑް-19ގެ ހާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމު ކަމަށް މިނިސްޓްރީން ބުނެއެވެ.
ޗައިނާއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ގައުމެވެ. އެކި ދާއިރާރަކުން ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު ޑިރެކްޓާ ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހު ވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.