ޑްރޯނެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން ބަޔަކު މަސައްކަތް ކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލަށް އެތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެގޮތުން ޖަލަށް އެތެރެ ކުރަން އުޅުނު ތަކެތީގެ ތެރޭގައި ފޯނާއި ހަ ޗާޖަރާއި ވައިފައި ރައުޓަރެއްގެ އިތުރުން ޔޫއެސްބީ ކޭބަލް ތަކަކާއި އަދި ދެ ސިމް ހިމެނެއެވެ. ޕްރިޒަންސް ކޮމިޝަނަރު ވިދާޅުވިގޮތުގައި އެތަކެތި ޖަލަށް އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ ޑްރޯން އެއް ބޭނުން ކޮށްގެން ކަމަށެވެ.
އެމައްސަލަގައި މީހަކު ހައްޔަރު ކޮށްފައި ވާ ކަން ނުވަތަ ނުވާ ކަން ކޮމިޝަނަރު ހާމަކުރައްވާފަ އެއް ނުވެއެވެ. އަދި ޖަލަށް ވައްދަން އުޅުނު ތަކެތީގެ ފޮޓޯ އާންމު ކުރެއްވި އިރު ޑްރޯން އަށް ހެދި ގޮތެއްވެސް ވިދާޅެއް ނުވެއެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މާފުށި ޖަލަށް އެފަދަ ސާމާނު އެތެރެ ކުރަން އުޅުނު މައްސަލަތައް ވަނީ ފެންމަތި ވެފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި 15 ސްމާޓް ފޯނާއި އާދައިގެ 6 ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 43 ރަބަރު ކޮތަޅު ޖަލަށް ވައްދަން އުޅުނު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.