ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ އެތައް ދަރިވަރުން ތަކެއްގެ ޝަކުވާ ތަކަކީ މިހާރު އާ ވާހަކަތަކެއް ނޫނެވެ. އެ ސްކޫލުގައި ކިޔަވަމުން ދާ ދަރިވަރުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަމުން ދާ ކަމަށް ބުނެ އެ ސްކޫލުގެ ދަރިވަރުން ވަނީ ކަމާ ގުޅުން ހުރި ގިނަ އިދާރާ ތަކަށް އެ ޝަކުވާތައް ހިއްސާ ކޮށްފައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ދަރިވަރުންނަށް އަލިމަގެއް ފެނިފައެއް ނުވެއެވެ. ސޯޝަލް މީޑިއާގެ އެއް ޕްލެޓްފޯމް ކަމަށްވާ ޓްވިޓާ ވެސް އޮތީ އެ ޝަކުވާތަކުން ފުރާލާފައެވެ.

މުޅި ޓްވިޓާ ތެރޭގައި އެތައް ބަޔަކު ޝުއޫރު ފާޅު ކުރަން ފެށީ މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބަސްފުޅެއް އިވުނު ހިސާބުންނެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުން އިންތިޒާމް ކޮށްގެން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރެއް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޓްރާންސްޕޯޓު އޮތޯރިޓީއާއި، ހަޔާ އެޑިއުކޭޝަންގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ލިބިފައި ނެތް ނަމަވެސް މަޖިލީހަށް އެކަމުގައި ސިޓީލާ ހިސާބުން އެކަންކަން ބައްލަވާނެ ކަމަށެވެ.

ފްލައިން ސްކޫލް ދަރިވަރުންގެ ހައްގުގައި މުޅި ޓްވިޓާ ފުރާލައިފި

މި ކަމާ ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި މަޖިލީހުގެ މެންބަރުން ގަޔާވާ ކަހަލަ މައްސަލަތައް ނުވަތަ އެފަދަ މީހެއްގެ އާއިލާ ނުވަތަ ގާތް ރައްޓެއްސަކަށް ދިމާވެއްޖެ ކަމެއް ނަމަ ވަގުތުން ވަގުތަށް މަޖީލިހަށް ކުއްލި މައްސަލަ ވައްދާ އެކަމެއް ހައްލު ކުރަން މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް ފްލައިން ސްކޫލްގެ ކުދިން މި ޖެހެނީ އެކަމަށް ހައްލު ހޯދައި ދިނުމަށް އެދި ސިޓީއެއް ފޮނުވަން ކަމަށް އަމިއްލަ ފަރާތަކުން ބުނެފައި ވެއެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންގެ ހައްގުގައި އަންހެން ޕައިލެޓެއް ކަމަށްވާ ހައްވާ ތައުފީގް ވިދާޅުވީ، މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މިހާރު އެ ދަރިވަރުން ކިޔަވަން ރާއްޖެއިން ބޭރަށް ދެވުނު ނަމައޭ ހިތަށް އަރާނެ ކަމަށެވެ. އެކުދިންނަށް ހިލޭ ލޯން ދިނުމަށް ފަހު އައްޑޫ ފްލައިން ސްކޫލަށް ދާން މަޖުބޫރު ކުރިވީ ކަމަށާ މިހާރު އެކުދިންގެ އަތުންވެސް ގެއްލިގެން ދިޔައީ ވަގުތުތަކަކާއި ހަރަދުތަކެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

އަދި އެކުދިން އެ އެދެނީ މާ ބޮޑު ކަމެއް ކޮށްދިނުމަށް ނޫން ކަމަށާއި އެ ސްކޫލުގައި ހުރި ބައެއް ކަންކަން ރަނގަޅު ކޮށްދިނުމަށް ކަމަށް ހައްވަ ބުނެއެވެ. އޭރު އެ ކުދިން ބޭރު ގައުމަކަށް ކިޔަވަން ފޮނުވި ނަމަ މިހާރު ކިޔަވައި ނިމިގެން އައިސް ތިބި އެތައް ޕައިލެޓުންނެއް ތިބޭނެ ކަމަށް އޭނާ ބުނެއެވެ.

"މިއައް ވުރެ ރަނގަޅުވީސް ބޭރަށް ކިޔަވަން ފޮނުވާލި ނަމަ ކިހާ ބޮޑު ހަރަދެއް މިދަނީ. ވަގުތުވެސް ބޭކާރުވީ. ކިތަންމެ ތަނަކަށް މައްސަލަ ޖެއްސިއަސް ކުރާނެ ކަމެއް ނެތް. މިތަނުގައި ވެރިއެއްގެ ދަރިއެއް ހުރި މިހާރުން މިހާރަށް މި މައްސަލަ ބަލާ ނިންމާނެ. އާދައިގެ މީހުންވީމަ ޖެހޭނީ އާދޭސް ކުރަން."
ދަރިވަރެއްގެ ބެލިނިވެރިއެއް

ކޯސް ފެށުނީއްސުރެ ކުދިންގެ އަތުން އެތައް ހޭދައެއް ކޮށްފައިވާ ކަން ފާހަގަށް އާންމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޯސް ދިގުދެމިގެން ދިއުމުން ގިނަ މުއްދަތަށް އައްޑޫގައި ތިބެން ޖެހުމުން ގިނަ ހަރަދުތަކެއް ކުރަން ޖެހިފައި ވާ ކަމަށެވެ. އެގޮތުން 38 މަސް މިހާރު ހޭދަވެފައި ވާއިރު 304،000 ރުފިޔާ ހަރަދުވެއްޖެ ކަމަށާއި 18 މަހުން ކޯސް ނިންމުނު ނަމަ ހަރަދު ވާނީ 144،000 ކަމަށް އޭނާ ބުނެފައި ވެއެވެ.

ހަަމައެއާއެކު އެކުދިންގެ ހައްގުގައި އައްޑޫ ރައްޔިތުންނާއި އައްޑޫ ކައުސިލުން ބަހެއް ނުބުނެ ތިބުމަކީ ފްލައިން ސްކޫލް އައްޑޫ އިން ގެއްލިދާނެ ކަމެއް ކަމަށް އާންމުންގެ މީހަކު ބުނެއެވެ. މިއަދު ވަކިވަކި ދަރިވަރުންނަށް ގެއްލުން ވިޔަސް އެދުވަހުން މުޅި އައްޑޫ އަށް ގެއްލުން ވާނެ ކަމަށް އެފަރާތުން ބުނެއެވެ.

"މޯލްޑިވިއަން އާ ޓީއެމްއޭ ގުޅިގެން ރާއްޖޭގެ ފްލައިން ސްކޫލެއް އުއްފެއްދުން ކިހިނެއްވާނެ ތޯ؟. ދިވެހިންނައް މިކަންކަން ނުވާނީތޯ ނޫނީ ނުކޮއް ހަމަ ތިބެނީތޯ"
އާންމުންގެ މީހަކު

އާންމުންގެ މިފަދަ ހިޔާލު ތަކާ އެކު އައްޑޫ ފްލައިންގް ސްކޫލުގެ މައްސަލަ ހައްލު ކުރަން މިވަގުތު ރާއްޖޭގައި ހިންގަމުން ދާ ވައިގެ ދަތުރުފަތުރު ކުރާ ކުންފުންޏަކަށް އެކަން ވާން ނެތީތޯ ވެސް އަހާފައި ވެއެވެ.

މީގެއިތުރުން ވެސް އެތައް މަޖިލިސް މެންބަރުންތަކެއް ޓެގްކޮށް އެ މައްސަލަ އަވަހަށް ބަލައި ދިނުމަށާއި އެކުދިންނަށް އިންސާފު ހޯދައި ދިނުމަށް އެދި ގިނަ ބަޔަކު ވަނީ ޓްވީޓް ކޮށްފައެވެ. މިކަމަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި ލަސްވަމުން ދާތީ އާންމުންގެ ކަންބޮޑުވުން ވަނީ މި ސަރުކާރުން ފްލައިގް ސްކޫލަށް ފިޔަވަޅެއް ނޭޅެންވީ ސަބަބާ މެދު ސުވާލު އުފައްދާފައެވެ.

ދަރިވަރުންގެ ކަންބޮޑުވުން ހިއްސާކުރުމުން ވީ ކިހިނެއް؟

ސްކޫލުން ކަން ކުރަމުން ދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ފުރަތަމަ ދަރިވަރުން ހިއްސާ ކުރީ އެ ސްކޫލާއެވެ. ނަމަވެސް އެ ސްކޫލުން އިޖާބައެއް ދީފައެއް ނުވެއެވެ. ހުރިހާ ކަމެއް "ކަނޑާލާފައި ވަނީ ކޮވިޑް" ގެ މި ހާލަތަށެވެ. އެ ސްކޫލަކީ ސަރުކާރުގެ އެހީއަކާ ނުލައި ހިންގާ އަމިއްލަ ސްކޫލެއް ކަމުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ބުނެއެވެ.

އެހެންކަމުން ދެން އެކުދިން އެ މައްސަލައަށް ހައްލު ހޯދުމަށް ޕެޓިޝަނެއްގައި ސޮއިކޮށްގެން ދައުލަތުގެ މުއައްސަސާ ތަކަށް ސިޓީ ފޮނުވިއެވެ. މިއަދާ ހަމައަށް އައިރު އެ ކުދިންގެ ވާހަކަ ތަކަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. އެކަމަށް ހައްލެއް ހޯދައި ދެވުނު ދައުލަތުގެ މުއައްސަސާއެއް ނެތެވެ. އެންމެ ފަހުން މިހާރު އެ ސްކޫލުން ގެންނަނީ ބައެއް ދަރިވަރުން ވަކިކޮށް ކުދިންނަށް އިންޒާރު ދެމުންނެވެ. އަދިވެސް ކުރަނީ ހަމަ ތަހުގީގެވެ.

އައްޑޫގައި ހުންނަ ފްލައިން ސްކޫލް

ކޮންމެ މުއައްސަސާއަކުން ވެސް ބުނަމުން އަންނަނީ އެކަން ތަހުގީގު ކުރާ ކަމަށެވެ. ސިވިލް އޭވިއޭޝަނުން އެ ސްކޫލުން ބައެއް ދަރިވަރުން ވަކި ކުރުމުން ވެސް އެކަން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. ޓްރަންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވިދާޅުވީ ކުދިންނަށް ބޭއިންސާފުން ކަން ކުރާ ފަރާތަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަނުން ބުނެފައި ވަނީ އެފަރާތުން އަންގަންޖެހޭ ކަންކަން އޭވިއޭޝަންއަށް އަންގާފައި ވާ ކަމަށެވެ. އެއީ އެ ތަނަކީ ސިވިލް އޭވިއޭޝަންގެ މެންޑޭޓްގެ ތެރެއިން ހިންގަމުން އަންނަ ތަނަކަށް ވާތީ އެކަން ބަލަމުން ގެންނަނީ އޭވިއޭޝަނުން ކަމަށް ވާތީއެވެ. މީގެ އިތުރުން ދަރިވަރުން އަތުން ޑޮލަރުން ފީ ނަގާތީ އެކަންވެސް ފުލުހުންނާއި އެމްއެމްއޭއަށް އަންގާފައި ވާ ކަމަށާއި އެފަރާތުން އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ދަރިވަރުންގެ ޝަކުވާއެއް ކަމަށްވާ ކޯސް މުއްދަތު ދިގުދެމިގެން ދިއުމުގެ މައްސަލައަށް ހައްލު ހޯދަން ހަޔާ އެޑިއުކޭޝަނުން ވަނީ ސަރުކާރު ބަންދު ނޫން ވިހި ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފްލައިން ސްކޫލުގައި ތިބި ދަރިވަރުން ކޯސް ފުރިހަމަ ކުރާނެ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ހުށަހެޅުމަށް އަންގާފައެވެ. އެކަންވެސް މުއްދަތު ހަމަވި އިރު އެ ސްކޫލުން ނުކުރިއެވެ. ނަމަވެސް ސަރުކާރަކަށް އެކަމުގައިވެސް ފިޔަވަޅެއް ނޭޅުނެވެ. ދެން ވެސް ހަޔާ އެޑިއުކޭޝަނުން ބުނީ، އެ ފްލައިން ސްކޫލުން އެ ޕްލޭން ހުށަހަޅާފައި ނުވާތީ އެކަން ވެސް ސިވިލް އޭވިއޭޝަނަށް އަންގާފައި ވާނެ ކަމަށެވެ. އެއީވެސް މެންޑޭޓާ ގުޅުން ހުރި ކަމަކަށް ނުވާތީތޯ ސުވާލު އުފެދެއެވެ.

ހުރިހާ ކަމެއް މިއޮތީ ސިވިލް އޭވިއޭޝަންގެ "ބޮލަށް ކަނޑާލައިފައި" ތިބެވޭ ގޮތަށް ބާއެވެ. ހަޔާ އެޑިއުކޭޝަނުން ދޫކުރާ ހިލޭ ލޯންގެ ދަށުން އެ އެކަޑަމީއަށް ކިޔަވަން ދިޔަ ދަރިވަރުން ތަކެއްގެ ބެލެނިވެރި އަކަށް ހަޔާ އެޑިއުކޭޝަން ނުވާނެތޯއެވެ. ހަޔާ އެޑިއުކޭޝަން އަކީ އެފަދަ މަތީ ތައުލީމް ދޭ އިންސްޓިޓިއުޝަން ހިންގާ ތަންތަނަށް ލައިސަންސް ދޫކުރާ ތަނަށް ވީ ހިނދު އެ ފަދަ ތަންތަން "ދޯހަޅި" ކޮށް ހިންގަމުން ދާ ނަމަ އެކަމަށް ފިޔަވަޅު އެޅޭނެ މެންޑޭޓެއް ނެތިއްޔާ ދެން ކީއްކުރާ މުއައްސަސާއެއްތޯއެވެ.

މި މައްސަލައިގައި މިއޮތީ އެއްބަޔަކު އަނެއްބަޔަކު ބޮލަށް ކަނޑާ އުސޫލު ނޫން ހެއްޔެވެ. ނަމަވެސް މިފަދައިން އެތައް ދަރިވަރުން ތަކެއްގެ ހައްގު ގެއްލިގެން ދަނީއެވެ. މައިންބަފައިން އަތުން ހަރަދުވި އެތައް ފައިސާއެއް އިސްރާފަށް ދިޔައީއެވެ. ކުދިންގެ އަތުން ބީވެގެން ވެސް އެދިޔަ ވަގުތަކީވެސް ކިހާ ބޮޑު އެއްޗެއް ހެއްޔެވެ. ސުވާލަކީ އެ ދަރިވަރުންނަށް މިވަރުންވެސް އިންސާފު ލިބޭނެ ހެއްޔެވެ.