ގައުމަށް ކުރިމަތި ވެފައިވާ އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި ނޫސްވެރިން މިހާރަށް ވުރެ ފުޅާ ދައުރެއް އަދާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް އެކަމަށް އެދިވަޑައިގެން ވާހަކަ ދައްކަވާފައި ވަނީ ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފުލާގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ފައްޓަވަމުން މިރޭ ބޭއްވި ހަފުލާގައި އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ހުރިހާ ނޫސްވެރިންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ނޫސްވެރިކަން ކުރުމުގެ މިނިވަން، ވާދަވެރި ޖައްވެއް ކަން ފާހަގަ ކުރައްވައި، ހުރިހާ ނޫސްވެރިން ވެސް ގައުމު ބިނާކުރުމުގައި ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
އޭގެ އިތުރުން ރައީސް ވަނީ ޒަމާނީ ޑިމޮކްރެސީއެއްގައި ނޫސްވެރިންގެ ދައުރާއި ޒިންމާދާރު ނޫސްވެރިކަން އޮންނަން ވީ ގޮތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ ނޫސްވެރިންގެ ޒިންމާ އަކަށް ވާނީ ގައުމުގެ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައި ދިނުން ކަމުގައެވެ.
އެ ގޮތުން އިޖުތިމާއީ ބޮޑެތި މައްސަލަތައް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައާއި ހަރުކަށި ފިކުރުގެ މައްސަލައަކީ ވެސް އެ މައްސަލަތައް ހައްލު ކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށް ވުރެ ފުޅާ ކުރަން ޖެހޭ ދެ ދާއިރާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ކޯވިޑް-19އާ ގުޅިގެން އިގްތިސާދަށް ލިބުނު ގެއްލުން ތަކުން އަރައިގަނެ އިގްތިސާދު އަލުން އާރާސްތު ކުރުމުގައި ވެސް ނޫސްވެރިން ފުޅާ ދައުރެއް އަދާކުރުމަށް ރައީސް އެދިވަޑައިގަތެވެ.
ރައީސް ވަނީ މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އޮތް ހާލަތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެއިރު މަސައްކަތް ކުރަމުން ގޮސްފައި ވަނީ ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުމުގައި ކަން ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު އެ ސަގާފަތް މުޅިން ބަދަލު ކުރައްވާފައި ވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ ދާއިރާއާ އަލަށް ގުޅޭ ނޫސްވެރިންނަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނޫސްވެރިއެއްގެ ޒިންމާ އަދާ ކުރަން ނުކުންނަން ވާނީ ގައުމު ބިނާކުރުމުގެ ވިސްނުމާއެކު އެ ގޮތުގައި ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.
މެސެޖު ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި، އަނިޔާވެރި ގޮތަކަށް މަރައިލާފައިވާ ޔާމީން ރަޝީދުގެ ހަނދާންތައް އާ ކުރައްވާ އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާކަމުގައި ވިދާޅުވެފައެވެ.