ދެކުނު އެމެރިކާ އަދި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ކިއުބާ އަދި މެކްސިކޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންގެ އިތުރުން ސާބިއާ އަދި އާޖެންޓީނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ކޮވިޑާ ގުޅޭ ގޮތުންނާއި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު އާއި ސަފީރުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މިއަދުގެ އެ ބައްދަލުވުމަކީ ބޭރު ގައުމުތަކުން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު ޝާހިދު އިސްނަންގަވައިގެން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ.

އެ ސިލްސިލާގެ ދަށުން މީގެ ކުރިން ވެސް އެކި ސަރަހައްދުތަކުގެ ގައުމުތަކުން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ސަފީރުންނާއެކު މިނިސްޓަރު ޝާހިދު ވަނީ ވާޗުއަލް ބައްދަލުވުންތައް ބާއްވާ މަޝްވަރާތައް ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.