ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޖަމިއްޔާއަކީ މެންބަރު ގައުމުތަކަށް އިތުރު ލާބައާއި މަންފާ ލިބޭ ގުޅުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ގޮވައިލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަާ ޑޭ"ގެ މުނާސަބާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންއަށް ފޮނުއްވި ހާއްސަ މެސެޖެއްގައި ރައީސް ވިދާޅުވީ މި އަހަރުގެ ސާކް ޗާޓަ ޑޭ ފާހަގަކުރަމުން މި ދަނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތެއްގައިކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި މިފަދަ ހާލަތަކުން އަރައިގަތުމަށް ސާކްގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކޮށް، ހެޔޮ އަދި މަންފާކުރަނިވި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
ކޮވިޑް-19ގެ ހާލަތާއި ދުނިޔެ ބައްދަލުކުރުމާއެކު ސާކްގެ ގައުމުތަކުގެ ބައްދަލުވުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ސާކް ކޮވިޑް-19 އެމާޖެންސީ ރިލީފް ފަންޑް އެކުލަވައިލުން ވެގެންދިޔައީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިން ކަމެއްގެ ގޮތުގައި ރައީސްގެ މެސެޖުގައި ސިފަކުރެއްވިއެވެ.
މި ހާލަތާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ، ސާކްގެ ގުޅުމުގެ ފުރިހަމަ ލާބައާއި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ހާލަތެއް ކަމަށާއި މެންބަރު ގައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކޮށް، ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވާ، އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މުސްތަގުބަލުގައި ވެސް، މި ސަރަޙައްދުގެ ސުލްހަ މަސަލަސްކަމާއި، ތަރައްގީއާއި، ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.