ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ތަރައްގީ ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ވެކްސިންތައް މުރާޖާ ކުރުމުގެ ދުވެލި ހަލުވި ކޮށްފައިވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދައަކަށް އެދި، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް 2 ކެންޑިޑޭޓަކުން ވަނީ ހުށަހަޅާފައެވެ. އެއީ ފައިޒާއާއި ބައޮއެންޓެކުން ތަރައްގީ ކުރަމުން އަންނަ ވެކްސިނާއި، އަސްޓްރާޒެނީކާއާ އޮކްސްފޯޑް ޔުނިވާސިޓީ ތަރައްގީ ކުރަމުން އަންނަ ވެކްސިނެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް 2 ވަނައަށް އެންމެ ގިނައީ އިންޑިއާގައެވެ. މިއާއެކު ހަލުވި ދުވެލީގައި ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ، ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ރޮއިޓާޒްއަށް ވިދާޅުވެފައެވެ.
ފައިޒާ ކުންފުންޏަކީ، އާންމު އުސޫލުން އިންސާނުންގެ ހަށިގަނޑަށް ވެކްސިން ޖަހަން ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ 3 ވަނަ މަރުހަލާ ފުރިހަމަ ކޮށް ނިންމާ، އެންމެ ފުރަތަމަ، ރިޕޯޓް އާންމު ކުރި ކުންފުންޏެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ މި ވެކްސިނަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ރައްކާ ކުރަންޖެހޭ ވެކްސިނެކެވެ. ފައިޒާގެ ވެކްސިނަކީ 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ބުނެވެއެވެ. މި އަހަރު ތެރޭގައި މި ވެކްސިންގެ 50 މިލިއަން ޑޯޒް އަދި 2021 ވަނަ އަހަރު، 1.3 ބިލިއަން ޑޯޒް އުފެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.
65 ލައްކަ މީހުން ބައިވެރިކޮށްގެން ތަހުލީލުތައް ކުރިއަށް ގެންދިޔަ އޮކްސްފޯޑާއި އަސްޓްރާޒެނީކާގެ ވެކްސިނަކީ 70 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ބުނެވެއެވެ. މިއީވެސް 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނަކަށް ވާއިރު، ވެކްސިން ރައްކާ ކުރަން ޖެހެނީ 2 ޑިގްރީޒްއާއި 8 ޑިގްރީ ސެލްސިއަސް އާ ދެމެދު މިންގަނޑެއްގައެވެ. ތަހުލީލުތަކުގެ ފަހު މަރުހަލާއަށް ފެށުމުގެ ކުރިންވެސް އަސްޓްރާޒެނީކާއިން ވަނީ 3 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށް އެއްބަސްވުންތައް އެކުލަވާލާފައެވެ.