2001 ވަނަ އަހަރުގެ ހިޔާލީ، ސައެންސް ފިކްޝަން ވާހަކަ "އަ ސްޕޭސް އޮޑެސީ"ގައި ސިފަކޮށްދީފައިވާ މޮނޮލިތު ނުވަތަ ދަގަނޑު ބެރި ޒާތުގެ ބެރިތަކެއް، ހަގީގީ ދުނިޔެއިން ފެންނަމުންދާ ހައިރާން ކުރުވަނިވި ސިލްސިލާއަށް އާ ބޮޅެއް އިތުރުވެއްޖެއެވެ.

މި ޒާތުގެ މޮނޮލިތެއް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ނޮވެމްބަރު މަހުގެ ކުރީކޮޅު، އެމެރިކާގެ ޔޫޓާއިންނެވެ. އެއަށްފަހު ރޮމޭނިއާއިންވެސް މިޒާތުގެ މޮނޮލިތެއް ފެނިފައިވާއިރު، މި ސިލްސިލާއަށް އެންމެ ފަހުން އިތުރުވި މޮނޮލިތު ފެނުނީ، އިނގިރޭސިވިލާތުގެ އިސްތިގުލާލީ ގައުމެއް ކަމަށްވާ އިންގްލަންޑްއިންނެވެ.

ކުރިން ފެނުނު 2 މޮނޮލިތެކޭ އެއްފަދައިން، ކެމްޓަން ބީޗް ސަރަހައްދުން ފެނުނު މޮނޮލިތު ބެހެއްޓީ ކާކު، ކޮންއިރަކު އަދި ކިހިނެއް ކަމެއް، އެ ސަރަހައްދު ބަލަހައްޓާ ކަމާ ބެހޭ ފަރާތްތަކަށްވެސް އަދި ހޯދިފައެއް ނުވެއެވެ.

މި ސަރަހައްދު ބަލަހައްޓަމުން އަންނަ ނޭޝަނަލް ޓްރަސްޓުން ބުނީ، މި މޮނޮލިތު ހަދާފައި ވަނީ ލޯގަނޑެއް ފަދައިން ރިފްލެކްޓް ކުރާ ޕްލާސްޓިކަކުން ކަމަށާ، ހަރުކޮށްފައިވަނީ ލަކުޑި ތަނބުބުރިއެއްގައި ކަމަށެވެ.

މޮނޮލިތު ނެގުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށާ، ނަމަވެސް ގޮނޑުދޮށް ތޮއްޖެހިދާނެ ކަމަށް ފާރަވެރިވާނެ ކަމަށެވެ. މޮނޮލިތުތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވާއިރު، މި ތަކެތި ބަލާލުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މޮނޮލިތު ބަހައްޓަމުން ދަނީ ކާކު ކަމެއް ނޭނގެއެވެ. އަދި ބަހައްޓާ ހަލުވި މިނުގައި އެ ނަގާ މީހަކުވެސް ނޭނގެއެވެ. ނަމަވެސް، ސެންޓަފޭގެ "ދާ މޯސްޓް ފޭމަސް އާޓިސްޓް" އިން ވަނީ، 10 ފޫޓުގެ އުފެއްދުމެއް ވިއްކާލާ ކަމަށް އިއުލާން ކޮށްފައެވެ. 45000 ޑޮލަރަށް ވިއްކަން ޖެހި، މި އައިޓަމް މިހާރު ވަނީ ވިކިފައެވެ.