ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހީދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން މިރޭ ހަފްލާއެއް ބާއްވައިފިއެވެ.

ބީއެމްއެލުން ބުނީ އެ ހަފްލާގައި ބޭންކަށް 15، 25، 20 އަދި 35 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްފައިވާ ކަމަށާއި ޖުމްލަ 33 މުވައްޒަފަކަށް އެ އެވޯޑު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 35 އަހަރު ބޭންކަށް ހިދުމަތް ކޮށްދީފައިވާ މުހައްމަދު އަހުމަދު، ހެޑް އޮފް ޕްރޮކިއުމަންޓް އަދި ހަސަން ޝާމް، ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.

މީގެ އިތުރުން ބޭންކަށް 25 އަހަރު ހިދުމަތް ކޮށްދީފައިވާ އަބްދުالله ސައީދު (ސީނިއާ ޕެރަލީގަލް) އަދި ހާނިމް ނަސީމް (ގަމު ބްރާންޗް މެނޭޖާ) އަށްވެސް ވަނީ އެވޯޑް ދީފައެވެ.

35 އަހަރު ބޭންކަށް ހިދުމަތްކޮށްދީފައިވާ މުހައްމަދު އަހުމަދު، ހެޑް އޮފް ޕްރޮކިއުމަންޓް އަދި ހަސަން ޝާމް، ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އަށް ހާއްސަ އެވޯޑެއް ދެއްވަނީ / ފޮޓޯ: ބީއެމްއެލް

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ފައިތުވި ދިގު މުއްދަތުގައި އެހާމެ ހީވާގި ކަމާއެކު ބުރަ މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ކޮށްދީފައި ވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ފާއިތުވި 35 އަހަރުގައި ބޭންކުގައި އެހާމެ މުހިންމު ދައުރެއް އަދާ ކޮށްފައި ވާ މުހައްމަދު އަދި ޝާމްއަށް ހާއްސަ ޝުކުރެއް ވަނީ އަދާ ކުރައްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަ ކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.