މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުސްވެފައިވާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހަކު ހޯދުމަށް އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައިވާ ގޮތުގެމަތިންއެ މިނިސްޓްރީގެ ހުސްވެފައިވާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް މީހަކު ހަމަޖެއްސުމަށްޓަކައި، އެމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

އަދި ކުރިން އެ މަގާމަށް ކުރިމަތިލައި ޝަރުތު ހަމަވިފަރާތްތަކުން އެ އިއުލާނަށް އިޖާބަދޭން ބޭނުންވާ ނަމަ، އެޕްލިކޭޝަން ފޯމު ހުށަހަޅަން ވާނެ ކަމަށާއި ކުރީގެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތައް އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ އިއުލާނުގެ މުއްދަތުގެ ތެރޭގައި އިތުރު ލިޔުމެއް ހުށަހަޅަން ބޭނުންވެއްޖެ ނަމަ، އެ ލިޔުމެއް ހުށަހެޅުމުގެ ފުރުސަތު އެ ފަރާތްތަކަށް އޮންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެެއެވެ.

މިއީ އެ މިނިސްޓްރީ އެ މަގާމަށް އިއުލާން ކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 8 ވަނަ ދުވަހުވެސް އެ މިނިސްޓްރީން ވަނީ އެ މަގާމަށް އިއުލާން ކޮށްފައެވެ. މިއަދު އިއުލާން ކޮށްފައި ވާ މުއްދަތު ހަމަވާނީ މި މަހުގެ 14 ވަނަ ދުވަހަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އިއުލާން ކޮށްފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ސޫޒަން ހަނީފު ސަސްޕެންޑް ކުރުމުން ވަނީ އިސްތިއުފާ ދީފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން އޭރު ސަސްޕެންޑް ކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕާމަނަންޓް ސެކްރެޓަރީއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި، ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފައިނޭންޝަލް ކޮންސަލްޓަންޓް އައިޝަތު ވަފާ މުހައްމަދު މަނިކު އިސްތިއުފާ ހުށަހެޅުއްވި ހަބަރުވެސް ވަނީ ފެތުރިފައެވެ. ނަމަވެސް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވަފާ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށާއި އިސްތިއުފާއަށް ހުށަހަޅުއްވާފައިވެސް ނުވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ހެދި ޓޫރިޒަމްގެ އޮޑިޓުގައި ވަނީ އެ މިނިސްޓްރީގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ޓޫރިޒަމް އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން ޓޫރިޒަމުން ހޭދަކުރި 26 މިލިއަން ރުފިޔާގެ 99 ޕަސަންޓް ހޭދަކޮށްފައި ވަނީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުންނެވެ. އަދި ސިއްހީ އާލާތްތައް ގެނައުމުގައާއި، މެޑިކަލް ޓީމު ގެނައުމުގެ އިތުރުން ކަރަންޓީން ފެސިލިޓީ ހެދުމުގައި ވެސް ކޮރަޕްޝަން އެކުލެވިގެންވާ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެެ.މީގެ އިތުރުން އެކަންކަން ފޮރުވުމަށްޓަކައި އެ މިނިސްޓްރީން ސައްހަ ނޫން ލިޔެކިއުން އުފައްދާފައިވާ ކަމުގެ ތުހުމަތުވެސް އެ އޮޑިޓުގައި ވަނީ ކޮށްފައެވެ.

އަދި ކޮވިޑް-19އިން އަރައިގަތުމަށް އެމެރިކާއިން ގެނައި ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމާ ގުޅޭ ގިނަ މައްސަލަތަކެއް ވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު، ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ.

މީގެ އިތުރުން ދަށް ފެންވަރުގެ އެން 95 މާސްކަށް އެ މިނިސްޓްރީން އިތުރު 1 ލައްކަ ރުފިޔާ ހޭދަކުރި ކަން ހާމަވެފައިވާއިރު، ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ފެންނަން އޮތީ އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.