ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށާއި އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ސިޓީއެއް ފިނުވައިފިއެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ކުރިޔަށްދާ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެެންބަރު އަލީ އާޒިމް ވިދާޅުވީ، މިއަދު ކުރިޔަށް ދަނީ މި ދައުރުގެ އެންމެ ފަހު ޖަލްސާއަށް ކަމަށްވާތީ އަންނަ އަހަރުގެ ފުރަތަމަ ދައުރު ފެށެންވާއިރަށް މިނިސްޓަރު މަހީލްގެ މައްސަލައާ ގުޅޭ ގޮތުން ރައީސް ސޯލިހް ގޮތެއް ނިންމަވައި އަންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މި މައްސަލައިގަ ރައީސް ސޯލިހް ނިންމަވާ ގޮތެއް ބަލަން ބޭނުންވީ އެމްޑީޕީގެ ފުރިހަމަ ބާރު ސަރުކާރުގައި ނެތަސް ވެރިކަމުގައި ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށް ވާތީ ގޮތް ކަނޑައެޅުމުގައި ރައީސްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
މިދިޔަ މަހުގެ 22 ވަަނަ ދުވަހު މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސް ސޯލިހް އަރިހުގައި ދަންނަވަން އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމް ކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާ ކަމަށެވެ.
އެ ގަރާރަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ އެ ގަރާރުގައި ހިމެނެނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ތަކެއް ކަމަށެވެ.
އެމޑީޕީ މެންބަރުންގެ ޝަކުވާތަކަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، އެއީ ކަނޑައެޅިގެން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތެއް ނުކޮށްގެން ނޫން ކަމަށެވެ. އެހެން ވިދާޅުވެ މަލީހު ވަނީ ސަރުކާރުގެ ސްޓްރެޖިކް އެކްޝަން ޕްލޭނުގެ ދަށުން ހަވާލު ކޮށްފައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރައްވައިފައި ކަން ފާހަގަ ކުރައްވާފައެވެ.