އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވެފައިވާތީ އޭނާ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިއަދުއެވެ.

ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް

  • 1 ވަނަ ދައުވާ - 5 އަހަރާއި 7 މަސް
  • 2 ވަނަ ދައުވާ - 3 އަހަރާއި 2 މަހާއި 12 ދުވަސް
  • 3 ވަނަ ދައުވާ - 1 އަހަރާއި 7 މަސް
  • 4 ވަނަ ދައުވާ - 9 މަހާއި 18 ދުވަސް
  • 5 ވަނަ ދައުވާ - 4 މަހާއި 24 ދުވަސް
  • 6 ވަނަ ދައުވާ - 2 މަހާއި 12 ދުވަސް
  • 7 ވަނަ ދައުވާ - 1 މަހާއި 06 ދުވަސް
  • 8 ވަނަ ދައުވާ - 18 ދުވަސް
  • 9 ވަނަ ދައުވާ - 09 ދުވަސް
  • 10 ވަނަ ދައުވާ - 04 ދުވަސް
  • 11 ވަނަ ދައުވާ - 02 ދުވަސް
  • 12 ވަނަ ދައުވާ - 01 ދުވަސް

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަހެވެ. އައު ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކުޅަ އެއްބަޔެވެ. އަދި އޭގެފަހަށް އަންނަ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހަށް ޖަލަށް ލުމެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެއެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަކަށް އޭނާ ކްރިމިނަލް ކޯޓުގައި އެއްބަސްވެފައި ވާއިރު ޒިޔަތު ވިދާޅުވެފައި ވަނީ އެމަގާމުގައި ހުރެ އަމަލުކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވާ ގޮތުގެ މަތިން ކަމަށެވެ.އޭގެ އިތުރުން ހިޔާނާތުގެ އެއްވެސް ފައިސާއެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިފައިނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވިކަމަށް ޒިޔަތަށް ތުހުމަތުކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށް ލުން ކަމަށް ނިންމާފައިވާއިރު ޒިޔަތު ޝަރީއަތަށް އެއްބާރުލުން ދީ އިއުތިރާފު ވެފައި ވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ވަނީ ނިންމާފައެވެ.

ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަންނަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.