ފުލުހުންގެ މަގާމުގައި ތިއްބަވާ އިސް އޮފިސަރުން ވަކި ކުރެވޭ ގޮތަށް، ކުއްލިއަކަށް ހުށަހެޅި އިސްލާހާއެކު ފުލުހުންގެ ހިދުމަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުއްލިއަކަށް ހުށަހެޅުއްވި ދެ އިސްލާހެއް ހިމެނުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ ފާސްކޮށްފައި ވެއެވެ. އެ އިސްލާހުތަކާ އެކު ފުލުހުންގެ ހިދުމަތުގެ ބިލު ފާސްކޮށްފައި ވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގައި ވަނީ ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޢާވާތް ކޮށްފި ނަމަ، ނުވަތަ ބަޢާވާތެއް ކުރަން އުޅެފި ނަމަވެސް އެއީ ކުށެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރުދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެ ބިލުގައި "ބަޢާވާތްކުރުން" އެ ބަހުގެ މާނަ ވަރަށް ފުޅާކޮށް ލިޔެ، ބަޢާވާތުގެ އަމަލުތައްވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ފުލުހަކަށް ވެ ހުރެ، ފުލުހުން ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގުސަދުގައި ތިމާ އަދާކުރަން ޖެހޭ ޑިއުޓީތަކާއި ހަވާލު ކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، އެފަދަ ކަންތައްތަކަށް އެހެން މީހުންނަށް ހިތްވަރު ދީ ހެދުމަކީ ބަޢާވާތް ކުރުން ކަމަށް ބުނެފައި ވެއެވެ.

ހަމައެއާއެކު އެ ބިލުގައި ފުލުހަކު ވަޒީފާއިން ފިލައިގެން ހިނގައްޖެ ނަމަ ނުވަތަ ދާން އުޅެފިނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި ވެއެވެ. އެގޮތުން، ފުލުހަކު ވަޒީފާއިން ފިލިކަމަށް ބެލޭނެ ހާލަތްތަކެއް ބަޔާން ކޮށްފައި ވާއިރު، މީގެ ތެރޭގައި، ހުއްދަ ނެތި ޑިޔުޓީ ދޫކޮށް ދިއުމާއި، ހުއްދަ ނުހޯދައި 14 ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން ހިމެނެއެވެ. އަދި ފުލުހުންގެ މުއައްސަސާ އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައި ވަނިކޮށް، ވެރިއެއްގެ އަމުރާ ހިލާފަށް ވަޒީފާއަށް ނުނުކުމެ ހުރުމާއި، ބަޔަކާ ކުރިމަތިލާން ޖެހޭ ހާލަތެއްގައި އެކަން އެނގި ހުރެ ފިލުމާއި އަޅާނުލުން ވެސް އެ މާއްދާގެ ތެރޭގައި ވަނީ ހިމަނާފައެވެ.

މިބިލަށް އީވާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުގައި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، އެބޭފުޅަކު ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެއެވެ. އަދި މާލީ ބަޔާންތައް ހުށަހަޅަން ޖެހުމާއި، ނަޒާހާރްތެރިކަމާ ގުޅޭ ކަންކަން ބެލުމާއި، ތުހުމަތުވާ ކަމެއް އޮތް ނަމަވެސް އެކަމެއްގައި އެ އޮފިސަރަކު ވަކި ކުރަން ބޯޑުން ނިންމާ ކޮމީޝަނަރަށް ހުށަހެޅި ދާނެއެވެ. މީގެ އިތުރުން، އީވާ ހުށަހެޅުއްވި ދެވަނަ އިސްލާހުގައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ ގާނޫނު އިސްލާހު ކުރަން އުޅެނީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައި ވާ ކަމަށް މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ފުލުހުންގެ ބިލުގެ އެންމެ ބޮޑު އެއް އަމާޒަކީ އެމްޑީޕީން ބުނާ، ފެބްރުއަރީ 7ގެ ބަޣާވާތުގައި ބައިވެރި ވި އޮފިސަރުން ވަޒީފާއިން ވަކިކުރުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.