ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އިތުރަށް ފަސްކޮށްފި ނަމަ އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ ކަންކަން ކުރަން ދައުލަތުގެ އިދާރާތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފުރުސަތު ދޭންޖެހޭ ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށަހަޅުއްވަމުން ލާމަރުކަޒީ ކޮމިޓީގެ މުގައްރަރު ނިޔާޒު ވިދާޅުވީ ކޮވިޑާއެކު ކައުންސިލް އިންތިހާބު މިހާރު އިއުލާންކޮށްފައިވާ އޮތް ތާރީހުގައި ނުބޭއްވިދާނެ ކަމަށް އީސީން ބުނެފައިވާ ކަމަށެވެ.

އެ އިންތިހާބުގެ ކުރިން ކެމްޕޭނު ކުރުމާއި އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދެން ނުޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި އިންތިހާބު އިތުރަށް ފަސްކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެގޮތުން އިތުރަށް އެއް އަހަރަށް ވުރެ ދިގު ދެމިގެންދާ ގޮތަށް އަނެއްކާ ވެސް މިހާރު ތިބި ކައުންސިލަރުން ތިބުމަކީ ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށާއި އެކަމަށް ދައުލަތުގެ އިދާރާތަކުން އެއްބާރުލުން ދިނުމަށް އެނާ ވަނީ ގޮވާލައްވާފައެވެ.

ނިޔާޒުގެ އެ ވާހަކަތަކަށް ތާއިދުކުރައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވަން ކުރަންޖެހޭ ކަންކަމަށް ފުރުސަތު ދިނުމަށް މަޖިލީހުން ސިޓީއަކުން ސަރުކާރުގެ އިދާރަތަކުގައި ދަންނަވާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވި އިރު، ކޮވިޑްގެ ސަބަބުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން ޝެޑިއުލްކޮށް، ތައްޔާރުވަމުންދާ ކަމަށް އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖޫން މަހު ފާސްކޮށްފައިވާ ގާނޫނުގައި ބުނާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހުއްދަ ދެވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އަދި މި ހާލަތު އުވާލާތާ 7 ދުވަސްތެރޭގައި އިންތިހާބު ބާއްވަނެ ތާރީހެއް އިއުލާން ކުރުމަށް އީސީގެ މައްޗަށް ލާޒިމުވާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހުގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް އޭރު ފަސްކުރިއިރު އެއާއެކު ކެމްޕެއިން ވެސް ހުއްޓުނެވެ. އެހެންނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލާފައި ވަނީ އިންތިހާބު ބާއްވައި، މެމްބަރުން ހުވާކުރަން ދެނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 2،69562 އެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4172 އަށް ވުރެ ގިނަ މީހުން ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ އިރު އޭގެ ތެރެއިން 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ނަން އަނބުރާ ވަނީ ނަގާފައެވެ.