ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އަޕާ ސައުތު ޕޮލިސް ޑިވިޝަން (ގއ، ގދ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިނސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް މި މަހުގެ 2 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 5:33 ހާއިރު އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަަމަށް ވެސް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ ނުވަތަ މައްސަަލަ ހުށަހެޅޭ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަަތަކަކީ ސީރިއަށް މައްސަލަަތކެއްގެ ގޮތުގައި ބަލާ ކަންކަމެވެ.

ދާދިފަހުން ވެސް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ މެދު ރާއްޖެ ތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.