ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާގައި އެމަނިކުފާނުގެ ވަކީލުން ހޯއްދެވުމަށް އެދިވަޑައިގެން ނުލިބި ހުރި ލިޔެކިޔުންތަކެއް ހޯދުމަށާއި ރައީސް ޔާމީނާއެކު ވަކީލުންނަށް ދިރާސާ ކުރަން ގިނަ ވަގުތު ބޭނުންވާނެތީ އެ އިންތިޒާމުތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް މެދުވެރިވެގެން ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން މިއަދު ދައުލަަތަށް އަންގައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުން ފެއްޓެވުމާއެކު ރައީސް ޔާމީނުގެ ވަކީލުންނާ ހަވާލުކުރަން ޝަރީއަތުން އެންގި ލިޔެކިޔުންތައް މިހާރު ލިބިވަޑައިގެންފައިވޭތޯ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ސުވާލުކުރެއްވުމުން ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ބައެއް ލިޔެކިޔުންތައް ދިނުމަށް ދައުލަތުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެގޮތުން ޖަމީލު ވިދާޅުވީ، ދައުލަތުން ފޮނުވި ސިޓީގައި ބުނެފައިވަނީ ހޯދުމަށް އެދިފައިވާ ބައެއް ލިޔެކިޔުންތަކަކީ ދިފާއަށް އެހާ މުހިއްމު ލިޔެކިޔުންތަކެއް ކަމުގައި ނުވާތީ އެ ލިޔެކިޔުންތައް ދެވެން ނެތް ކަމަށެވެ.

ޖަމީލު ވިދާޅުވީ، އެ ލިޔެކިޔުންތަކަކީ މުހިއްމު ލިޔެކިޔުންތަކަކެއް ކަމަށާއި އެ ލިޔެކިޔުންތައް ހިފަހައްޓާފައިވުމުން މައްސަލައިގައި ފުރިހަމަ ގޮތުގައި ޖަވާބުދާރީ ވުމަށް ހުރަސްތަކެއް ހުރި ކަމަށެވެ. އަދި ގާޒީގެ އިންޓަވެންޝަނަކާއެކު ލިޔެކިޔުން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ޖަމީލު އެދިވަޑައިގެންނެވިއެވެ. އަދި އެ ލިޔެކިޔުންތަކަކީ ޝަރީއަތެއް ހެއްކެއްގެ ގޮތުގައި ބަލައިގަތުމާއި ނުގަތުމާމެދު ގޮތެއް ނިންމާ ހާލަތުގައި ވެސް ދިފާއުން އެ ލިޔެކިޔުން ހޯދަން އެދިއްޖެނަމަ، އެ ލިޔުންތައް ހަވާލުކުރަން ޖެހޭނެކަން ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 35 ވަނަ މާއްދާއިން ވެސް އެނގޭ ކަމަށް ޖަމީލު ވިދާޅުވިއެވެ.

އެ ލިޔެކިޔުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީނުގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހޯދަން އެދުނު ލިޔެކިޔުންތަކަކީ ދިފާއަށް މުހިންމު ލިޔެކިޔުންތަކެއްކަން ނުވަތަ ނޫންކަން ނިންމާނީ ދައުލަތުން ނޫން ކަމަށެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ހާމަކުރަން އެދޭ ހެއްކަކީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ކޯޓަށް ބަލައި ނުގަންނަ ހެއްކަކަށް ވުމަކީ ހެކި ހާމަކުރަން އޮންނަ މަސްއޫލިއްޔަތުން ބަރީއަވާނެ އުޒުރެއް ނޫން ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

މި މައްސަލާގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލު ވިދާޅުވީ، ދެ ފޯލިއޯއެއްގައި ހިމެނޭ ލިޔުންތައް ފިޔަވައި އެހެން ހުރިހާ ލިޔުމެއް މިހާރު ވާނީ ކުރިމަނަލް ކޯޓަށް ރައްދުކޮށްފައި ކަމަށާއި އެ ލިޔުންތައް ހަވާލުކުރީ 3 ދުވަހުގެ މަތިން ކަމަށެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވަނީ ސިއްރުކުރުމަށް ދައުލަތުން އެދުނު ލިޔުންތައް ފިޔަވައި ދެން ހުރި ލިޔުންތައް ދައުލަތުން ހިފަހައްޓަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލުކުރައްވާފައެވެ.

މި ކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ހާމަކުރަން އެދުނު ލިޔެކިޔުންތަކުގެ ތެރެއިން ދައުވާކޮށްދިނުން އެދި ޕީޖީއަށް ފުލުހުން ފޮނުވި ފޯމު ހާމަ ނުކުރަނީ އެއީ ޖީނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ހާމަކުރަންނުޖެހޭ ލިޔުމެއް ކަމުގައިވާތީ ކަމަށެވެ. ހަމައެއާއެކު ދައުވާ ރައްދުވާ ފަރާތުގެ ބަންދާ ގުޅޭ މައުލޫމާތު ހިމަނައި ކޯޓަށް ޕީޖީން ފޮނުވާ ލިޔުމަކީވެސް އިދާރީ ލިޔުމެއް ކަމުގައިވާތީ އެ ލިޔުމަކީވެސް ހާމަކުރަންޖެހޭ ލިޔުމެއް ނޫން ކަމަށާއި ތަހުގީގަށް ބަޔާން ދީފައިވާ ފަރާތްތަކުގެ ވަނަވަރަކީވެސް ދައުވާ ރައްދުވާ ފަރާތާ ހިއްސާކުރާ ލިޔުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ލިޔުންތަކަކީ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިންނަކީ ކޮން ބައެއްކަން ސާބިތުކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކެއް ނޫން ކަމަށާއި ހާޒިރުކުރާ ހެކިންގެ ނަމާއި އެޑްރެސް ދައުވާ ފޯމުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޔާމީންގެ ވަކީލުން ހޯއްދަވަން އެދިވަޑައިގެންފައިވާ އަނެއް ލިޔުމަކީ އެމްއެމްއޭއިން ރެއިސްކޮށްފައިވާ އެސްޑީއާރެއް ކަމަށާއި އެއީ ދައުލަތުން ހާމަކުރަންޖެހޭ މައުލޫމާތެއް ނޫން ކަމަށް ވަކީލާ ވިދާޅުވިއެވެ. އެއީ ދައުވާކުރުމާ ގުޅުމެއް ހުރި ލިޔުމަކަށް ނުވާތީ ކަމަށް ޕީޖީން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ހެކި ރައްކާކުރުމުގެ އަމުރަކަށް އެދިފައިވާ ހެއްކެއް ކަމުގައިވާ ލިޔުން އެ އަމުރާމެދު ގޮތެއް ޝަރީއަތުން ނިންމުމުގެ ކުރިން ދެވެން ނެތް ކަމުގައި ވަކީލު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ތަހުގީގުގައި ހެކިން ދީފައިވާ ހެކި ބަހުގެ އޯޑިޔޯ ވީޑިޔޯ ހޯދުމަށް އެދިފައިވީ ނަމަވެސް އެފަދަ އޯޑިޔޯ ވީޑިޔޯ ހެދުމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުން ލާޒިމުކުރާ ކަމަކަށް ނުވާތީ އެއީ ވުޖޫދުގައި ނެތް އެއްޗެއް ކަމުގައިވެސް ޕީޖީގެ ވަކީލުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެފައި ވަނީ ދިފާއީ ވަކީލުން އެދިފައި ވަނީ ފޮރެންސިކް އެނަލެސިސް ރިޕޯޓު އެ އެއްޗެއްގެ މައްޗަށް ބިނާކުރި އަސްލު ހޯދުމަށް ކަމަށެވެ. އަދި ދައުލަތުން ނެތޭ ވިދާޅުވުމުން ނެތް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށާއި، އަދި ފޮރެންސިކް ރިޕޯޓެއް އުފައްދާނީ ކޮންމެވެސް އެއްޗެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ރައީސް ޔާމީންގެ ވަކީލުން ބުނެއެވެ.

މިކަމާ ގުޅިގެން ގާޒީ ޝަކީލް ވިދާޅުވީ، އެ ރިޕޯޓުގައި ހިމެނޭ ހުރިހާ އެނެކްސްތަކުގެ ލިޔުންތައް މުހިއްމުކަމަށް ދިފާއުއަށް ގަބޫލުކުރެވޭ ނަމަ، އެ ލިޔުންތައް މައުލޫމާތު ހޯދައި ލިބުމުގެ ގާނޫނުގެ ދަށުން އަމިއްލައަށް ހޯދޭނެ ކަމަށެވެ. ހަމައެއާއެކު ދައުލަތުން 20 ގަޑިއިރުގެ ވީޑިއޯއާއި، ޑިޖިޓިލްކޮށް ހުށަހަޅާފައިވާ ބޭންކު ސްޓޭޓްމަންޓުތައް ދިރާސާކުރަން، ރައީސް ޔާމީނާއެކު ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެފައިވާތީ އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ވަކީލުންނާއެކު ދެ ގަޑިއިރުގެ ބައްދަލުވުމަކުން އެހާ ގިނަ ލިޔުންތަކާއި ވީޑިއޯތައް ދިރާސާ ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، ކިތަންމެ ގިނަ ވަގުތެއް ހޭދަވާ ކަމަށް ވިޔަސް، އެކަމަށް އެކަށީގެންވާ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ފަހިކޮށްދޭން ގާޒީ ވަނީ ދައުލަތަށް އަންގަވާފައެވެ. އަދި އެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ނުލިބިއްޖެނަމަ، އެކަން ޝަރީއަތާ ހިއްސާކުރުމަށް ވެސް ގާޒީ ޝަކީލް އެންގެވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ މި މައްސަލާގައި ޝަރީއަތެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު، ލިޔެކިއުންތަކުގެ ޝަކުވާއެއް އަޑުނާއްސަވާނެ ކަމަށާއި، އެ އަޑުއެހުމުގައި އޮންނާނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުން ކަމަށެވެ.