ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އަނިޔާވެރިގޮތަކަށް މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ލިބުން ލަސްވަމުންދާތީ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ އެ މައްސަލާގައި ވިދާޅުވެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީން އިންތިހާއަށް ބާރުއަޅާ ކަމެއް ކަމަށާއި އިންސާފު ގާއިމުކޮށް، ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމުކުރާ އަދި ޑިމޮކްރަސީގެ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް ޔާމީނަށް އިންސާފު ލިބުން ލަސްވަމުން ގޮސް އަނިޔާ ލިބި ހައްގުތައް ގެއްލެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އިންސާފު ލިބުން ލަސްވަމުންދާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންސާފު ގާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް، ދައުލަތުގެ ސަމާލުކަން ދެއްވުމަށް އެދި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަމެވެ.
އާދަމް ޝަރީފް

މީގެ އިތުރުން އެ މައްސަލާގައި ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އާއި އަނިޔާވެރިގޮތަކަށް މަރާލާފައި ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ބްލޮގަރު ޔާމީން ރަޝީދު އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން އެ ފަދަ އެތައް މައްސަލައަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށެވެ.

އެގޮތުން އިިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތި އެތައް އާއިލާތަކެއް މާޔޫސްވެ އުއްމީދު ގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

އިންސާފު ލިބުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅުން މަޖިލީހަށް މައްސަލައެއް ހުށަހެޅިއިރު، ޔާމީނަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލިތާ ތިން މަސް ވެފައިވާ ނަމަވެސް ހުކުމެއް ނީއްވައެވެ.

ޑރ. އަފްރާޝިމާއި އަނަސް އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރިލްވާން ވަގަށް ނެގި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރަމުން އަންނައިރު، ނަމަވެސް އެ ކޮމިޝަން އުފެއްދިތާ ދެ އަހަރުވެގެން ދިޔައިރު ވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފައެވެ.