މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދުއާއި ތ. ހިރިލަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމީދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ފޭދޫން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު މި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެރަށު ބަނދަރުމަތިން އޭނަ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހިރިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އާންމު ފަރާތަކުން އެރަށު ޕޮލިސް ސްޓޭޝަނަށްދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި، އެރަށު ހުޅަނގު ދެކުނު ފުއްޓަރު ވަލުތެރެއިން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ހުއްޓިހުރި ދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.