ހިޔާ ފުލެޓްތަކަށް ކުރީ ސަރުކާރުން ކަނޑައެޅި މީހުންނަށް މިހާރު ފްލެޓް ނުލިބޭ ސަބަބު އެނގެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓު ލިސްޓާ ގުޅިގެން ޣައްސާން ވިދާޅުވީ ހިޔާ ފުލެޓަށް ހައްގުވެރިންގެ ގޮތުގައި ކުރީ ސަރުކާރުން ކަނޑައެޅި މީހުންނަށް ފުލެޓު ނުދިނުމަށް މި ސަރުކާރުން ނިންމި ސަބަބު އެނގެންޖެހޭ ކަމަށައި 1248 ދިވެހި ޢާއިލާ ސިޔާސީ ފައިދާއެއް ހޯދުމަށް ގުރުބާން ކުރުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން ކަމަށެވެ.

އަދި އެއީ އިންސާފެއްވެސް ނޫން ކަމަށާއި އެއީ ހެޔޮ ވެރިކަމެއްވެސް ނޫން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އެފަދައިން ވިދާޅުވެފައި ވަނީ ހިޔާ ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ސަރުކާރުން ޢާންމުކުރިއިރު ކުރިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެެއިން ގިނަ ބަޔަކަށް ފުލެޓުނުލިބޭ ގޮތަށް ލިސްޓު އެކުލަވައިލާ އާންމުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ އެޗް-7 ކެޓަގަރީ ނުވަތަ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަކީ އެންމެ ގިނައަދަދެއްގެ މީހުން ފޯމު ހުށަހެޅި ކެޓަގަރީ ކަމަށްވާއިރު، ކުރިން ލިބުނު މީހުންގެ ނަން އުނިކޮށް، ފްލެޓް ނުލިބޭ ސަބަބެއް ކަމަށް ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ އަންހެނުންގެ ތެރެއިން، އެ މީހުންގެ ފިރިން މާލެ ސަރަހައްދުން ބޭރުގައި ވަޒީފާ އަދާކުރާތީ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ކުރަން ފެށި މަސައްކަތަށް ފަހު އެ ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކުރީ މި މަހުގެ ފުރަތަމަ ދުވަހެވެ.