އަދާލަތު ޕާޓީގެ ދާއިރާ ތަކުގެ ރައީސުންގެ އިންތިހާބު 2020، އީ ވޯޓިން މެދުވެރިކޮށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އަދާލަތު ޕާޓިން ބުނީ، އެ ޕާޓީގެ ދާއިރާ ތަކުގެ ރައީސުންގެ އިންތިހާބުތަ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ދެމެދު ކަމަށެވެ. މިވަގުތު ދުނިޔެއަށާއި ރައްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން އެންމެ ރައްކާތެރި ގޮތަކީ އޮންލައިން އިންތިހާބަކަށް ދިއުން ކަމަށް ފެންނާތީ އެ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އީ-ވޯޓީން މެދުވެރިކޮށް ކަމަށް އަދާލަތުން ބުނެއެވެ.

އީވޯޓިން މެދުވެރިކޮށް އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމާފައި ވާތީ ހުރިހާ ކެންޑިޑޭޓުން ވެސް މިކަމަށް ވިސްނުން ބަހައްޓައިގެން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދާލަތު ޕާޓީގެ މި އިންތިހާބު ހަމަޖެހިފައި ވަނީ އީ-ވޯޓީން މެދުވެރިކޮށް ކަމުގައި ވާތީ މި އިންތިހާބުގައި ވޯޓުލާ ކޮންމެ ފަރާތެއްގެ މޯބައިލް ނަންބަރު ބޭނުންކުރަން ޖެހެއެވެ. އީ-ވޯޓިންގައި ވޯޓު ލުމަށްޓަކައި ބޭނުން ކުރާނެ މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރަން ވަނީ ހުޅުވާލާފައެވެ.

އެގޮތުން މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރުމަށްޓަކައި އޮންލައިން ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ އައިޑީކާޑު ކޮޕީއާ އެކު ސިޓީއަކުން އެކަމަށް އެދި މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން ހުށަހެޅުމަށް އަދާލަތުން ބުނެއެވެ. އެ ޕާޓީގެ އީމެއިލް [email protected] ނުވަތަ ވައިބާ ނަންބަރު 9903231 މެދުވެރިކޮށް ވެސް މޯބައިލް ނަންބަރު ރެޖިސްޓްރީ ވުމަށް ހުށައެޅޭނެ ކަމަށް ވެސް އަދާލަތުން ބުނެއެވެ.

އެ ޕާޓީގެ ދާއިރާ ތަކުގެ ރައީސުންގެ އިންތިހާބުތަކުގެ ތެރެއިން އެއް ކެންޑިޑޭޓުންނަށް ވުރެ ގިނައިން ކުރިމަތިލާފައި ވަނީ ހަމައެކަނި މައްޗަންގޯޅި މެދު ދާއިރާއަށް ކަމަށް ވެސް އެޕާޓީން ބުނެއެވެ. އަދި އެ ޕާޓީގެ މި އިންތިހާބުގެ ވޯޓާސް ލިސްޓު މި ލިންކުން ލިބޭނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީގެ އިންތިހާބްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން އެދޭނަމަ އިދާރީ ނަންބަރު 3342671 އަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އަދާލަތުން ބުނެއެވެ.