މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު މާލެއިން 1 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 ދިވެހިންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލަފައިވާ ކަމަށެވެ.

އެމަސްތުވަތަކެތީގެ ތެރޭގައި ހިމެނެނީ 1 ކިލޯ އަށް ވުރެ ގިނަ ކެނެބިސް އާއި 108 ގްރާމް އެމްޑީއެމްއޭ އަދި 7 ގްރާމް ހެރޯއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 21:38 ހާއިރު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ކ.މާލެ، ހ. ވައިފިނި ގޭގެ ހަ ވަނަ ފްލޯ ވަނީ ބަލާފާސްކޮށްފައެވެ.

އެގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ މަނާ ބޭސް ކަމަށް ޝައްކުކުރެވޭ ބޭސްތަކަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅި އަކާއި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 7 ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 19 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. އޭގެ ތެރެއިން 2 މީހަކު މީގެ ކުރިން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އެމީހުން އެމައްސަލާގައި ބައިވެރިވާކަމުގެ ހެކި ލިބިފައިނުވާތީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ކޯޓްގައި އެދުމުން 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުގެ ކުރި މައްޗަށް ހާޒިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް އަންގާފައިވާ ކަމަށެވެ.

ނޮވެމްބަރު 25 ވަނަ ދުވަހު ކޯޓުން މައްސަލަ ޝެޑިއުލްކޮށް ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިމަހު ތިން ވަނަ ދުވަހު އެ ފަރާތްތަކުގެ މައްސަލަ ބަލާއި ސެކްޝަނާއި ހަވާލުވެ ހުންނެވި ގާޒީ ބަންދާ ގުޅޭ އަޑުއެހުމެއް ބާއްވާފައިވާ ކަމަށާއި އެގޮތުން އެ ދުވަހު 18:00 އިން ފެށިގެން ގާތްގަނޑަކަށް 23:00 އަށް އަޑުއެހުން ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަޑުއެހުމުގައި މިމަހު ހަތަރު ވަނަ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް އަންގާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އިއްޔެ 18:00 ގެ ފަހުން ފެށުނު އަޑުއެހުމުގައި މައްސަލައިގައި ތުހުމަތުކުރެވޭ ފަސް މީހެއްގެ ސަބަބުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ބުނެ ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.