ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ އަދަދު 99 އަށް އަރައފިއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން ތެރެއިން 8 ކެނޑިޑޭޓުންނަކީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަމަށާއި އެމްޑީޕީގެ 6 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު ޕީޕީއެމް އެއް މެންބަރަކު އަދި ޖުމްހޫރީ ޕާޓީން އެއް ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މިއާއެކު މިހާތަނަށް 99 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ވަނީ

ބުނެފައެވެ.

މިހާރު ކައުންސިލް އިންތިހާބުގައި ވާދަކުރަން ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާނީ 1،779 ކެނޑިޑޭޓުންނެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ އަންނަ އަހަރުގެ މާޗު ހަ ވަނަ ދުވަހު އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އީސީއިން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށް ވެސް އީސީން ބުނެއެވެ.