ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލުވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ ރަށަށް ޒިޔާރަތް ކުރައްވާފިއެވެ.

އެމްޓީސީސީން ބުނީ އެމްޓީސީސީގެ ސީއީއޯ އާޒިމް އާއެކު އެމްޓީސީސީގެ ޓީމުން އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލުވުމަށް ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 248 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި 286 މީޓަރު އެއްގަމު ތޮށި ހެދުމާއި 137 މީޓަރު ރިވެޓްމަންޓް ޖެހުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން 1430 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި 36,215 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 1000 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި 10 މޫރިން ބްލޮކްސް ޖެހުމުގެ އިތުރުން 20 މީޓަރު ގްރޯއިން ޖެހުމާއި 14 ބަނދަރު ބައްތި ޖެހުން އަދި 2 ނެރުބައްތި ޖެހުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މަސައްކަތުގައި އެމްޓީސީސީއާއި އެކު ސޮއިކޮށްފައިވަނީ 25 ސެޕްޓެމްބަރު 2019 ގައެވެ. އަދި އެމަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މާޗް 25، 2020 ގައެވެ.