ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހައްދުންމަތީގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ރައީސް ވަޑައިގަތީ ލ. ކައްދޫ އަށާއި ގަމަށެވެ.

ރައީސް ކައްދޫ އަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ގާއިމު ކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތް ކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑެމޮންސްޓްރޭޝަން އެއް ބައްލަވައިލެއްވިއެވެ.

އިއްޔެ ކައްދޫގައި ބޭއްވި އެ ޑެމޮންސްޓްރޭޝަން އަކީ ހުސްވި ނޮވެންބަރު މަހުގެ 16 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނު ތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ ޑެމޮންސްޓްރޭޝަން އެކެވެ.

ރައީސް ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ދެވަނައަށް ވަޑައިގެންނެވީ ގަމަށެވެ. އެ ރަށަށް ވަޑައިގެން އެ މަނިކުފާނު ވަނީ ސަރުކާރުން ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއްގެ ނިމުން ފާހަގަ ކުރައްވައި، އެ ތިން ތަނުގެ ހިދުމަތް ރަސްމީގޮތުން އިފްތިތާހް ކޮށްދެއްވާފައެވެ.

އެއީ، ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތާއި، ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމާއި، އަދި ގަމުގައި އަލަށް އިމާރާތް ކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑެވެ.

އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ގަމުގައި އަލަށް ބިނާކޮށްފައިވާ މަރުކަޒީ އިންޖީނުގެއަށް ޒިޔާރަތް ކުރައްވާ، އެ ތަން ވެސް ބައްލަވައި ލައްވާފައެވެ.