ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކޮށްފިއެވެ.

ބީއެމްއެލުން ބުނީ ކަނޑިތީމުގައި އެ ޕާކް ހުޅުވާފައި ވަނީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން މިއަދު ހަވީރު ހުޅުވި އެ ޕާކަކީ ޖިނާން މުހައްމަދު ޝަމީމް ކިޔާ މީހަކު ހުށަހެޅި ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓް ހުށަހެޅި މަގުސަދަކީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ ގުޅުން ބަދަހި ކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމަށް ކަމަށް ޖިނާން ވިދާޅުވިއެވެ.

އެރަށުގައި ހުޅުވުނު އެ ކޮމިއުނިޓީ ޕާކުގައި ބާބަކިއު ހެދުމަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ވަނީ ގާއިމް ކުރެވިފައެވެ.

ބާބަކިޔު ސަރަހައްދުގައި މޭޒާއި ބެންޗުވެސް އެކުލެވެއެވެ. މީގެ އިތުރުންކުޑަކުދިން ކުޅެއުޅުމަށް ހާއްސަ ޕާކަކާއި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްވެސް އރ ކޮމިއުނިޓީ ޕާކުގައި ހިމެނެއެވެ.

ޕިކްނިކަނަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން އެ ސަރަހައްދުގައި ވަނީ ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ބަހައްޓާފައެވެ.

ބީއެމްއެލްގެ އެހީގައި ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް މިވަނީ ހަގީގަތަކަށްވެފަ. އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށްވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް. މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި މުޙައްމަދު ޝިފާން އަދި ރިޔުނިއަން ކްލަބަށް ހާއްސަ ޝުކުރެއް ދަންނަވަން
ޖިނާން

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.