ހދ. ނޮޅިވަންފަރުގައި އިމާރާތް ކުރަމުން އަންނަ ހައުސިން ޔުނިޓް ހަވާލު ކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ހައުސިން މިނިސްޓްރީގެ އޮފިޝަލުން ދިއުމަށް ތާވަލް ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީން ބުނީ، ހދ. ނޮޅިވަރަންފަރު ހައުސިން ޔުނިޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އެ ހައުސިން ޔުނިޓްތައް ބިނާކުރި ސަރަހައްދު ސާފުކުރުމާއި، ކަރަންޓުލުމުގެ މަސައްކަތާއި، ސައިޓް ހަވާލު ކުރުމަށް ކުރެވޭ އިދާރީ އިންތިޒާމުތަކުގެ މަސައްކަތައް ކަަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެ ރަށުގައި އަޅާފައިވާ 52 ހައުސިން ޔުނިޓް އާއިލާތަކަށް ހަވާލު ކުރުމަށް މި މަހުގެ 18 ވަނަ ދުވަހު އެ މިނިސްޓްރީގެ އޮފިޝަލުން ނޮޅިވަރަންފަރަށް ދިއުމަށް ވަނީ ތާވަލުކޮށް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓްތަކާ ބެހޭގޮތުން މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެފައި ވަނީ މި މަހުގެ ތެރޭގައި އެ ގެތައް ނިންމައި އާއިލާތަކަށް ހަވާލު ކުރެވޭނެ ކަމަށެވެ.

ނޮޅިވަރަންފަރުގައި އިމާރާތް ކުރަމުން އަންނަ 52 ހައުސިން ޔުނިތަކީ، 2011 ވަނަ އަހަރު ސަރުކާރުން ހިންގި އެއްފަސް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހދ. ފަރިދޫ، ކުނބުރުދޫ، އަދި މާވައިދޫ އިން ނޮޅިވަރަންފަރަށް ބަދަލުވި އާއިލާތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވައިކަން ހަމަޖެހިފައި ނުވާ 52 އާއިލާއަށް އިމާރާތްކުރާ ހައުސިން ޔުނިޓުތަކެވެ.