ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކެންސަރު ހޮސްޕިޓަލު ގާއިމް ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ލ. ގަމަށް ވަޑައިގެން ހައްދުންމަތީގައި ކުރިއަށްގެންދާ 3 މަޝްރޫއު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ތެރޭގައި، ކެންސަރު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް އެބައޮތް ކަމަށެވެ.

އަދި ސަރުކަރުގެ މިއަދުގެ ވިސްނުމަކީ ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި އެޅުން ކަމަށާއި މި ހޮސްޕިޓަލަކީ އިންޑިއާގެ އެހީގެ ދަށުން އަޅާ ހޮސްޕިޓަލެއް ކަމުން މިއާ ބެހޭ ލިޔެކިޔުންތައް މީގެ ދެ ދުވަސް ކުރިން އިންޑިއާ ސަރުކާރާ ހިއްސާ ކޮށްފައި ވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަމާބެހޭ ނިންމުންތައް ނިންމާ ގަމުގައި އެ ހޮސްޕިޓަލް އަމަލީގޮތުން އެޅުމުގެ މަސައްކަތް އަންނަ އަހަރުން ފެށިގެންދާނެ ކަމަށެވެ.

ކެންސަރު ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި 5.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2022 ވަނަ އަހަރުގެ ބަޖެޓުން 27 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ހޮސްޕިޓަލަށް ޖުމްލަ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 98 މިލިއަން ރުފިޔާއެވެ.

ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެގޮތްތައް ހޯދައިދިނުން ކަމަށެވެ. އަދި ގަމު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ، އާ އިމާރާތުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ އިމާރާތް ނިމި، ޓާޝަރީ ފެންވަރަށް ހިދުމަތް ދޭން ފެށުމާއެކު، އެ ސަރަހައްދުގެ ސިއްހީ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.