ބޮލީވުޑްގެ މަޝްހޫރު ބަތޮލް ވިވެކް އޮބެރޮއިއާއި އޭނާގެ އާއިލާ، ދިވެހިރާއްޖޭގެ ހިތްގައިމު، ކަނޑު އަޑީގެ މަންޒަރުތައް ބަލާލައިފިއެވެ.

ބޮލީވުޑްގެ ބިޒީ ޝެޑިއުލުން ވަގުތުކޮޅެއް ހުސްކޮށް، އަންހެނުން ޕްރިޔަންކާ އޮބެރޯއީއާއި 2 ދަރިންނާއެކު ސައީލެގޫން މޯލްޑްވްގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ވިވެކް އޮބެރޮއި ދަނީ، ރާއްޖޭގައި އޭނާގެ އާއިލާއިން ތަޖުރިބާ ކުރަމުންދާ އުފާވެރި ވަގުތުތައް، ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކުރަމުންނެވެ.

ބޮލީވުޑްގެ ބަތޮލް ވިވެކް އޮބެރޮއި އާއިލާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ / ފޮޓޯ: އިންސްޓަގްރާމް

މައުލޫމާތު ލިބޭ ގޮތުގައި މި ދިޔަ ހަފުތާ ބަންދުން ފަށައިގެން ވިވެކްއާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ރާއްޖޭގައެވެ. އެކި ދުވަސް މަތިން، ވިވެކް ވަނީ، ރާއްޖޭގެ ނޫވިލު ކުލައިގެ މޫދާއި، ރިހިވެލި ދޮންވެލިގަނޑުގެ ހިތްގައިމު މަންޒަރުތަކުން މުޅި ދުނިޔެ އާޝޯހް ކުރުވަމުންނެވެ. އެގޮތުން، 2 ދަރިންނާއެކު، ޕެރާސެއިލް ކުރާ މަންޒަރުވެސް ފެނިގެންދެއެވެ.

ތިމާވެށީގެ ތަގައްޔަރު ކަމާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަމުން އަންނަ ވިވެކް އޮބެރޮއި ވަނީ، ބައިސްކަލެއް ދުއްވަމުން، މިއީ 4 ފުރޮޅުލީ ދުއްވާ އެއްޗަކަށް ވުރެ، ދަތުރުފަތުރު ކުރުމަށް މާ އެކަށީގެންވާ ގޮތެއް ކަމަށް ބުނެ، ދިވެހި ދޮންވެލިގަނޑަކާ، ކަނޑުގެ އެކި ކުލަތައް ފެންނަ މަންޒަރެއްވެސް އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ ބަތޮލް ވިވެކް އޮބެރޮއި އާއިލާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ / ފޮޓޯ: އިންސްޓަގްރާމް

އަދި ޕްރިޔަންކާއެކު ލޯބީގެ ވަގުތުތަކެއް ހޭދަ ކުރާ މަންޒަރުވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ޕްރިޔަންކާއާއި ވިވެކް ކައިވެނި ކުރީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ވިވާން އޮބެރޮއި އަދި 2015 ވަނަ އަހަރު އަމިޔާ އޮބެރޮއި ވަނީ އުފަންވެފައެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު، ބިރުވެރި ފިލްމް، "ރޯޒީ: ދަ ސެފްރަން ޗެޕްޓާ" ގެ ނަން ފާހަގަކުރެވެއެވެ.