ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގު ކޮމިޓީ އެއް އެކުލަވާލައިފިއެވެ.

ޖޭއެސްސީން ބުނީ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

އެ ކޮމެޓީން ބަލަނީ ގދ. ޖުޑިޝަލް ދާއިރާ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހްސާނުގެ މައްސަލައަކާއި ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ މައްސަލައެކެވެ.

އޭނާއާ ގުޅޭގޮތުން ބަލަނީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ޝަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާއި ގުޅޭގޮތުން ބަލަމުން އަންނަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމަވައި އަކަށީގެންނުވާ މިންވަރަށް މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.