ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހައްދުންމަތީ ކައްދޫ އަދި ގަމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި މިއަދު ކައްދުއަށް ވަޑައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ތަމްރީނުތަކެއްގެ ޑެމޯ ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއަށްފަހު ލ. ގަމަށް ވަޑައިގަންނަވާނެ ކަމަށާއި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ގަމުގައި ތަރައްގީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތިތާހު ކޮށްދެއްވުމާއި، އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތައާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެ އޮފީހުން ބުނެއެވެ.

މިއީ ކޮވިޑް ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށި ފަހުން ރައީސް ކުރައްވާ މިފަދަ ރަސްމީ ތިންވަނަ ދަތުރުފުޅެވެ.

މީގެ ކުރިން ރައީސް ވަނީ މިދިޔަ މަހުގެ ތެރޭގައި ދެ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހއ. ހޯރަފުށި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އެރަށަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅާއި ހަމަ އެމަހުގެ 26 ވަނަ ދުވަހު ޅ. އަތޮޅު މާފިލާފުއްޓަށާއި ފެލިވަރަށް ރައީސް ކުރެއްވި ދަތުރުފުޅެވެ.